އަންނަ ހޮނިހިރު ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި އިލްޔާސާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުވައްމުލަށް ސިޓީއަށް ވަޑައިގެންފިއެވެ.

ބުދަވިލޭރޭގެ މެންދަމުގެ ވަގުތުގައިވެސް އެ ދެބޭފުޅުން ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން، މަރުހަބާކިޔުމަށް ދަ ޑިމޮކްރެޓްސްގެ ގިނަ ޢަދަދެއްގެ މެންބަރުންނާއި ރިޔާސީ ކެންޑިޑޭޓް އިލިޔާސަށް އިންތިޚާބުގައި ތާޢީދުކުރާ ގިނަ ފަރާތްތަކެއް އެއަރޕޯޓު ސަރަހައްދަށް ޖަމާވިއެވެ.

ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގެ މުޙިއްމު ބައިތައް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީގެ ރައްޔިތުންނަށް އިއްވުމަށާއި ދަ ޑިމޮކްރެޓްސްގެ ވެރިކަމެއް ރާއްޖެއަށް މިވަގުތު ކޮންމެހެންވެސް ބޭނުންވެފައިވާ މިންވަރު މި ދެބޭފުޅުންގެ މި ކެމްޕޭން ދަތުރުފުޅުގައި ރައްޔިތުންނާ ހިއްސާކުރައްވާނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ޑިމޮކްރެޓުންގެ ވެރިކަމެއްގައި ގެންނާނޭ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިއްސާކުރާނެއެވެ. 

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުން-- ފޮޓޯ: ޑިމޮކްރެޓްސް

 

ދެކުނުގެ ދެ ސިޓީއަށް ކުރައްވާ ދަތުރުފުޅަށްފަހު، ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި ސަލްޓަން ޕާކުގައި، ކެމްޕޭން ނިންމާލުމުގެ އެންމެ ފަހު ޖަލްސާ ޑިމޮކްރެޓުން ބާއްވާން ވަނީ ހަމަޖައްސައިފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ ދެބައިވެ، ރައީސް ނަޝީދުގެ ސިޔާސީ ފިކުރަށް ތާޢީދުކުރާ ފަރާތްތަކުން އުފެއްދި ދަ ޑިމޮކްރެޓްސްއަށް ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން މާލެއާއި އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުންވެސް މިފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް ތާޢީދު އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ ސަބަބުން ސަރުކާރު ހިންގާ އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ކޯލިޝަން "އަދާލަތާއި އެމްޑީއޭ"ގެ ލަޝްކަރަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނޭކަމަށް ރާއްޖޭގެ ސިޔާސީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.