ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔުމުގެ 30 އަހަރުގެ ދިގު ވެރިކަމުގައި އެކި ގޮތްގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކެއް ތިބިކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އަދި އެފަރާތްތަކުގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެކްސް (ކުރިން ޓުވިޓަރ)ގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ފާރިސް ވިދާޅުވީ، "ރައީސް މައުމޫނު ވެރިކަންކުރެއްވި ދުވަސްވަރު، ރައްޔިތުންގެ ތެރޭން ބަޔަކަށް އަނިޔާތަކެއް ލިބި، ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް އަޅުގަނޑު ގަބޫލުކުރާކަމެއް،" ކަމަށެވެ. "އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބިކަމަކީ އަޅުގަނޑު ގަބޫލުކުރާކަމެއް. އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން." ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިކަމަށްޓަކައި ތިޔަ ބޭފުޅުންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން،" -- ފާރިސް މައުމޫން

 

ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް ވިދާޅުވީ، "މީގެ އިތުރުން އަޅުގަނޑު ވަރަށް ފަހުން ދެއްކި ވާހަކައެއްގެ ސަބަބުން މި ހިތާމަތައް އިތުރުވެގެން ދިޔަކަމަކީ ހަމަ ހަގީގަތެއް،" ކަމަށާއި "އެހެންވީމާ މިކަމަށްޓަކައިވެސް އަޅުގަނޑު ތިޔަބޭފުޅުން އަރިހުން ނިހާޔަތަށް މަޢާފަށް އެދެން." ކަމަށެވެ.

މީގެ އިތުރުން "އަޅުގަނޑުގެ ޢަޒުމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މި ހުރިހާ ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދައިދިނުން. އަދި އަޅުގަނޑުގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި މިފަދަ އެއްވެސް ކަމެއް، އެންމެ ކުޑަމިންވަރަކަށްވެސް ނުހިނގާކަން ކަށަވަރުކުރުމަކީ އަޅުގަނޑުގެ އަމިއްލަ ޒިންމާއެއް ކަމުގައި ހަދާނަން،" ކަމަށްވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 6، ފާރިސް ވިދާޅުވިއެވެ.

ފާރިސް މާފަށް އެދިވަޑައިގެންފައި މިވަނީ، ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި، ރައީސް މައުމޫނު އަންގަވައިގެން  އެއްވެސް މީހަކަށް އަނިޔާއެއް ކޮށްފައި ނުވާނޭކަމަށް ވިދާޅުވެ ދެއްވި ބަސްދީގަތުމަކާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ބަޔަކަށް އަނިޔާވެރިވެފައި ވޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ފާރިސް ދާދިފަހުން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ، "އަނިޔާވެރި ވެރިކަމެއް ނޫން ކުރެއްވީ. އެ ވެރިކަމުގައިވެސް އަދި ހުރިހާ ވެރިކަމެއްގައިވެސް އެބަހުރި ރަނގަޅު ކަންތަކާއި ރަނގަޅު ނޫން ކަންތައް ހިނގާފައި. ބައެއް މީހުންނަށް އެބަހުރި އަނިޔާތަކެއް ލިބިފަ. އެއީ އޭރު ސިސްޓަމް އޮތް ގޮތުން،" ކަމަށެވެ. 

އަދި މީގެ އިތުރުން "ހަމަ ޔަގީނުންވެސް ބައްޕަ އަންގަވައިގެން މީސްމީހުންނަށް އަނިޔާކޮށްފައެއް ނޯންނާނެ. އެހެން ނަމަވެސް އެ ޒިންމާ އެންމެ މަތީ ފަރާތަށް ދާނަމަ އޭތި ދާނެ،" ކަމަށްވެސް ފާރިސް ކުރިން ވިދާޅުވިއެވެ.

ރައީސް މައުމޫނުވެސް ވަނީ އެމަނިކުފާނު ރައީސްކަމުގައި ގައުމާ މުޚާތަބުކުރައްވައި އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި ތަކުރާރުކޮށް، އެމަނިކުފާނުގެ ސަބަބުން އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިވާ ނަމަ މަޢާފުކުރެއްވުމަށް އެދިވަޑައިގެންފައެވެ. 

"އަޅުގަނޑު ކަނޑައެޅި ސިޔާސަތަކުން، އަޅުގަނޑު ނިންމި ނިންމުމަކުން، ނުވަތަ ބަލާންވީވަރަށް އަޅުގަނޑަށް ނުބެލިގެން، އެއްވެސް ދިވެހި ރައްޔިތަކަށް ދެރައެއް ހިތްދަތިކަމެއް، ވޭނެއް ނުޙައްޤު ގޮތުގައި ތަޙައްމަލުކުރައްވާން ޖެހިވަޑައިގެންފައި ވާނަމަ، އެކަމަށްޓަކައި އަޅުގަނޑު ހިތާމަކުރަން. އަދި އެފަދަކަމެއް އެއްވެސް ރައްޔިތަކަށް ދިމާވެފައި ވާނަމަ، ދިމާވި ރައްޔިތެއްގެ އަރިހުން، އަޅުގަނޑު ދީލަތި މަޢާފަކަށް އެދެން،" -- ކުރީގެ ރައީސް މައުމޫން

ރައީސް މައުމޫނު ވެރިކަމުގައި އެންމެ ފަހުން ގައުމާ މުޚާތަބުކުރެއްވުން