ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 41 ވަނަ މާއްދާއާ ޚިލާފަށް، ވަކިބަޔަކަށް ފައްކާކޮށްފައިވާ އުސޫލެއްގެ ދަށުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމުން ގޯތިދޭން ނިންމާފައިވާ ގުޅީފަޅުން މިއަދު ގޯތިކަނޑަން ފަށައިފިއެވެ.

އެގޮތުން މިއަދު ވަނީ 21 ފަރާތަކަށް ބިންހަވާލުކޮށްފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ނޮވެމްބަރ މަހުގެ ފުރަތަމަ ހަފުތާއަށް ގުޅީފަޅުން ގޯތިލިބޭ މީހުންނާ ގޯތިހަވާލުކޮށް ނިންމުން ކަމަށެވެ.

ގާނޫނުއަސާސީގެ 41 ވަނަ މާއްދާ:

(ށ)

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

 

(ނ)

އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ ޙައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް، ރައީސް އިބްރާހީމްގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގައި ބުނެފައި ވަނީ، އެއްވެސް އިރެއްގައި މާލެ ނޫން ރަށެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތަކަށް މި ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތި ނުލެވޭނޭ ކަމަށެވެ. އަދި މީގެ އިތުރުން، މި އުސޫލުގައި މާލޭ މީހުންނަށް އެމީހުން އަތުގައި އޮތް ބިންކޮޅު ދޫކޮށްލާފައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ނަމަވެސް، ސަރުކާރުން ނުހަނު އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކާފައިވާ ފްލެޓެއް ލިބިފައިވާ ފަރާތަކަށްވެސް މި ސްކީމަށް ކުރިމަތި ނުލެވޭގޮތަށް ވަރަށް ބޭއިންސާފުން ވަކިބަޔަކަށް މަންފާހޯދައިދިނުމަށް ހަދާފައިވާ ގާނޫނުއަސާސީއާ ވަރަށް ބޮޑަށް ޚިލާފު އުސޫލެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 141 ވަަނަ މާއްދާ:

ތަފާތު ނުކުރުން

މި މާއްދާގައި ބުނެވައި ވަނީ، ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ޤާނޫނަށް ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރައްވެއްސަކު އެމީހަކު އުފަންވާ ރަށަކަަށް ނުވަތަ ރައްވެހިފެވައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިސްމަށް، ނުވަތަ ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް ޢަމަލުކުރާން ވާނެއެވެ. 

 

(ހ) 

އެމީހަކު ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި އެރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން. 

 

(ށ)

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް ޢިއުލާނުކޮށްފައިވާ ގޯތިތަކުގެ ތެރޭން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން. 

ޤާނޫނުއަސާސީއާ ޤާނޫނުތަކާ ޚިލާފަށް، ވަކި ޝަރުތުތަކެއް ހަމަވާ، މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެންމެ އަގުބޮޑު ބިންތައް ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ބަހާލައިފައި ވާއިރު، އެއީ ގާތްގަނޑަކަށް 9001 ގޯއްޗެއްވެ. މީގެ ތެރޭން ގުޅީފަޅުން ދޫކުރާން ހަމަޖެހިފައިވަނީ 2218 ގޯއްޗެވެ. އަދި ލާމަރުކަޒީ ގާނޫނާ ސީދާ ދެކޮޅަށް، ސިޓީ ކައުންސިލުން ކުރާންޖެހޭ ކަމެއް، މިނިސްޓްރީ އޮފް ޕްލޭނިންގެ ދަށަށް ނަގައި މިހާރު ވަނީ ގޯތި ލިބުނު ފަރާތްތަކާ ލިޔުންވެސް ހަވާލުކޮށްފައެވެ.

ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާ ޚިލާފަށް ހިންގާ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދޫކުރުން-- ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

 

ދިވެހި ދައުލަތް 110 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަނިވެރިކަމެއްގެ ތެރޭގައި އޮއްވައި، އަދި ރާއްޖޭގައި ބިންބޮޑު ރައްތައްވެސް ހުއްޓައި އެތަންތަން ތަރައްގީކުރުމުގެ ބަދަލުގައި، އެތަކެއް ބިލިއަން ރުފިޔާ ޚަރަދުކޮށްގެން މާލެކައިރިން ކަނޑުފަޅުހިއްކައި ގާނޫނުއަސާސީއާވެސް ޚިލާފަށް ބަންޑާރަ ގޯތި ދޫކުރަމުންދާތީ އެތަކެއް ހާސް ރައްޔިތުންދަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށްވުރެވެސް ބޮޑު ޚިޔާނާތެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އެހެނީ މާލޭ ސަރަހައްދުން އެތަކެއް ބިލިއަން ރުފިޔާ ޚަރަދުކޮށްގެން މަދުބަޔަކަށް ދޫކުރާ ބިންތަކުގެ ތެރޭން ކޮންމެ ބިމެއްގެ އަގު 15 މިލިއަނާ 20 މިލިއަނާ ދޭތެރޭގެ އަގެއް ހުންނާނެއެވެ.

ގުޅީފަޅުން އެންމެ ފުރަތަމަ ހަވާލުކުރާނީ މިހާރު ހިއްކާފައި އޮތް ސަރަހައްދުން 450 ގޯއްޗެވެ. ބާކީ ގޯތިތައް ދިނުމަށް ހިއްކާން ޖެހޭ ސަރަހައްދު ހިއްކުމުގެ ބިޔަ މަޝްރޫޢު މިހާރު ވަނީ ފަށައިފައެވެ.

ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާ ޚިލާފަށް ހިންގާ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދޫކުރުން-- ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

 

ދުނިޔޭގެ އެންމެ ބިން ބޮޑެތި ގައުމުތަކުގައިވެސް ބަންޑާރަ ގޯތި ދޫކުރުމަކީ ކުރާކަމެއް ނޫނެވެ. އެގައުމުތަކުގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަނީ އިޖްތިމާއީ ހައުސިންގ ފަދަ ތަފާތު ހައުސިންގ ސްކީމްތަކުގެ ތެރޭން ބޯހިޔާވަހިކަން ފޯރުކޮށްދީގެންނެވެ. ބިންދީގެނެއް ނޫނެވެ. ދިވެހިރާއްޖެއަކީ ބިންކުޑަ ގައުމަކަށްވާއިރު، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހަލާކުކޮށްލުމުން ލިބޭ ނޭދެވޭ ނަތިޖާ އިންތިހާއަށް ބޮޑުނަމަވެސް ސިޔާސީ ފަރާތްތަކުން ދަނީ އެބަޔަކު ބޭނުންގޮތަކަށް މިފަދަކަންކަމުގައި އަމަލުކުރަމުންކަން ހިތާމައާއެކު ފާހަގަކޮށްލާން ޖެހެއެވެ.

ބޯހިޔާވަހިކަން ހައްލުކުރުމުގެ ނަމުގައި ސަރުކާރުން މި ހިންގި އިޢާދަނުކުރެވޭވަރުގެ ބޮޑު ޖަރީމާގެ ސަބަބުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ވޯޓުކޮޅެއް އިތުރުވާނޭ ކަމަށް ބެލެވުނު ނަމަވެސް މީގެ ސަބަބުން، މާލެ ސިޓީގައި ވަޒަންވެރިވެފައިވާ ވޯޓުލެވޭ ޢުމުރުގެ 30 ހާހަށް ވުރެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ވޯޓު ސަރުކާރަށް ގެއްލޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.