ރިޔާސީ އިންތިޚާބަށް މަދުދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ގަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކްކުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކާން ހުރި ފައިސާ މާފްކޮށްފިއެވެ.

ގަވާއިދާޚިލާފަށް ޕާކުކުރުމުގެ ސަބަބުން ޖޫރިމަނާ ކުރި ފަރާތްތަކުން ދައްކާން ޖެހޭ ފައިސާ މާފުކުރާނޭކަމަށް، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް މެންބަރުންގެ ރިޔާސީ ވަޢުދުގައިވެސް ހިމެނެއެވެ. ނަމަވެސް އެފަދަ ވަޢުދުތައް ވުމުން، ގިނަ ބަޔަކު ވަނީ، ދައުލަތަށް ލިބޭންޖެހޭ މިފަދަ ފައިސާ އިންތިޚާބީ ބޭނުންމަށް މާފުކުރުން އެއީ މަގާމުގެ ނުފޫޒުފޯރުވައި، އިންތިޚާބީ ރިޝްވަތުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ގޮތުގައި ސިފަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހެން ކަންއޮވާ، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ، 2018ގެ ފަހުން މިހާތަނަށް ޕާކިންގ ސްޓިކަރ ޖޫރިމަނާ ނުދައްކައި ތިބި ފަރާތްތަކަށް އެ ޖޫރިމަނާ މާފުކޮށްދެއްވައި، ރިޔާސީ އިންތިޚާބަށް މީގެ އެއްވެސް އަސަރެއް ނުކުރާނޭ ގޮތަށް، ދީލަތިކަމުގެ އިންތިހާ ދައްކަވައިފައެވެ.  

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް އިބްރާހީމްގެ މި ނިންމެވުމަކީ މާލޭގައި ޕާކްކުރާނޭ ޖާގަނެތި ސްޓިކާ ޖަހާތީ ޝަކުވާ އިތުރުވުމާއި، ޓްރެފިކް ގަވާއިދާ ޚިލާފުވެގެންކުރާ ޖޫރިމަނާގެ އަދަދު އިތުރުވުމުގެ ޝަކުވާ އިތުރުވުމާއި، ކޮވިޑްގެ ސަބަބުން އާންމުންގެ އަތްމަދި ދަތިވެ މިފަދަ ޖޫރިމަނާ ދެއްކުމަށް ނުކުޅެދުމާއި، މިފަދަ ކަންކަމުގައި ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ސަރުކާރަށް ފެންނާތީ އެގޮތަށް ރައީސް ނިންމެވީ ކަމަށެވެ.

މީގެ އިތުރުން ލައިސެންސް ނެތި ދުއްވުމާއި، ލައިސެންސް ގެއްލި، ނުވަތަ ހަލާކުވެފައިވަނިކޮށް އުޅަނދެއް ދުއްވުން ފަދަ ކަމެއްގައި ޖޫރިމަނާއެއް ކޮށްފައި ވާނަމަ، ފުލުހުން ހިންގާ އެއް މަސްދުވަހަށް ވުރެ ދިގުނޫން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމުން އެފަދަ ޖޫރިމަނާތައްވެސް މާފުކުރާން ރައީސް ނިންމަވާފައިވާ ކަމަށެވެ.