ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ކެމްޕޭންކޮށްދެއްވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އެ ޕާޓީގެ ކެމްޕޭން ޖަގަހައަށް ޒިޔާރަތްކުރައްވައިފިއެވެ.

މެޑަމް ފާތުން ޑރ. މުޢިއްޒުގެ ކެމްޕޭން ޖަހަގަހައަށް ވަޑައިގަތުމުން އެތަނުން އެކަމަނާއަށް މަރުހަބާވިދާޅުވީ، ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ރަނިންގމޭޓް ހުސެން މުޙައްމަދު (ސެމްބެ)އާއި އޭނާގެ އަނބިކަނބަލުންނާއި ޕީޕީއެމްޕީއެންސީގެ އިސްވެރީންނެވެ. އޭގެ އިތުރުން ޕްރޮގްރެސް ކޯލިޝަންގެ ގިނައަދަދެއްގެ މެންބަރުން އެތަނަށް ގޮސް މެޑަމް ފާތުންއާ ސަލާމްކޮށް ރޮއި އުފާފާޅުކުރަމުން ގެންދިޔައެވެ. އަދި ސަޕޯޓަރުންގެ ފަރާތުން ލިބުނު ބޮޑު ހިތްވަރާއި ތަރުހީބުގެ ސަބަބުން މެޑަމް ފާތުންވެސް ކީރިތިކުރެއްވި މަންޒަރު ފެނިގެން ދިޔައެވެ.

 

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ޑރ. މުޢިއްޒުގެ ކެމްޕޭން ޖަގަހައަށް ޒިޔާރަތްކުރުން-- ފޮޓޯ: ޕީޕީއެމް

 

ކާނިވާ ސަރަހައްދުގައި ހުންނަ ދިވެހީންގެރާއްޖެ ކެމްޕޭން ޖަގަހައަށް މެޑަމް ފާތުން ޒިޔާރަތްކުރެއްވުމަށް ފަހު ހިންގަވާފައި އެނބުރި ގެއަށް ވަޑައިގަތް މަގުމަތީގައި، ހައުސް އޮފް ޑިމޮކްރެޓްސް ކުރިމަތިން ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުވެވަޑައިގެން އެދެބޭފުޅުން ސަލާންކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި މެޑަމް ފާތުންއާއެކު ރައީސް ނަޝީދު ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް އަޑުހަރުކޮށް ގޮވާލައްވައި އަޑުއުފުއްލަވައިފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް--

 

މިއީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ރަސްމީގޮތުން ޑރ. މުޢިއްޒުގެ ކެމްޕޭންޓީމާއެކު ހަރަކާތްތެރިވި ފުރަތަމަ ފަހަރެވެ. އަދި އެކަމަނީ ވަނީ، މި އިންތިޚާބު ކާމިޔާބުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގުޅިގެން ކުރުމަށް ޕާޓީގެ މެންބަރުންގެ ކިބައިން އެދިފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ޑރ. މުޢިއްޒުގެ ކެމްޕޭން ޖަގަހައަށް ޒިޔާރަތްކުރުން-- ފޮޓޯ: ޕީޕީއެމް

މުޢިއްޒުގެ ރަނިންގމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ސެމްބެ ވިދާޅުވީ، ޢާއިލާއަށް ހިތްދަތި ވަގުތެއްގައިވެސް މެޑަމް ފާތުން ދެއްކެވީ ޕާޓީގެ މަސްލަހަތުގައި ކަނބަލުންނަށް ނަމޫނާއެއް ކަމަށާއި އޭގެ ސަބަބުން އެޕާޓީގެ އާއިލީގުޅުން ވަރަށް ބޮޑަށް ފެނިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ޕީޕީއެމްގެ ނައިބުރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، މެޑަމް ފާތުންއަކީ "ހިތްތަކުގެ ރާނީ" ކަމަށާއި، އެކަމަނާއަކީ ދިވެހި ތާރީޚުގައިވެސް ގައުމަށް އެންމެ ބޮޑަށް ޚިދުމަތްކުރެއްވި ފަސްޓްލޭޑީކަމަށެވެ. އަދި ޕާޓީގެ ޚަރަކާތުން މެޑަމް ފާތުން ފެނުމަކީ މުޅި ޕާޓީއަށް ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން މުޢިއްޒުގެ ކެމްޕޭން ޚަރަކާތާ ގުޅިވަޑައިގަތުމަކީ، އިދިކޮޅު ސިޔާސީ ބޭފުޅުންގެ މޫނުމަތީގައި އަޅާލެވުނު ހޫނު އެތިފަހަރަކަށް ވެގެންދާނެއެވެ. އެހެނީ މުޢިއްޒަށް ރައީސް ޔާމީންގެ ތާޢީދު ނެތްކަންދެއްކުމަށް އިދިކޮޅު ފަރާތްތަކުން ދަނީ، ކެނޑިނޭޅި ތަފާތު ވާހަކަތައް ފަތުރަމުންނެވެ. ޚާއްސަކޮށް ވާދަވެރި އެމްޑީޕީގެ ކެމްޕޭނުގެ ބޮޑުބައެއް އަމާޒުކޮށްފައި އޮންނަނީ މުޢިއްޒާ ޔާމީނާ ދެމެދު ގުޅުން ގޯސްކަން ޕީޕީއެމް ކެންޑިޑޭޓުންނަށް ދެއްކުމަށެވެ.