ޑރ. މުޙައްމަދު މުޢިއްޒު ހޮވައިގެން ގައުމު ހަލަބޮލި ނުވާނެކަމަށާއި އޭގެ ބަދަލުގައި ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްތަކައިވެސް މުޢިއްޒަށް ވޯޓުދިނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ބޭއްވި ޕްރޮގްރެސް ކޯލިޝަންގެ ރިޔާސީ ކެމްޕޭން ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ، ރައީސް ކަމުގެ މަޤާމަކީ ޝަރަފެއް ނޫންކަމަށާއި އެއީ މަތިވެރި އަމާނާތެއް ކަމަށެވެ. އަދި އެފަދަ މަތިވެރި މަސްޢޫލިއްޔަތެއް ހަވާލުކުރާން ވާނީ ސެލްފީ ނެގުމާއި އަނބިދަރީން ގޮވައިގެން ގައުމުތަކަށް ދަތުރުކުރާން އުޅުއްވާ ބޭފުޅުންނާ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ 2018 ވަނައަހަރުގެ ރަނިންގމޭޓް ޑރ. ޝަހީމް ވިދާޅުވީ، " ވަރަށް ސާބިތުކަމާއިއެކު ވަރަށް ކެރިގެން މި ދަންނަވަނީ، ވަރަށް އަޑުހަރުކޮށް މި ދަންނަވަނީ ދިވެހި ލޮބުވެތި ރައްޔިތުންނޭ ޑރ. މުއިއްޒު އިންތިހާބުކުރައްވާށޭ. ތިޔަ ބޭފުޅުންނަށް ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އެ މަގުން ދަތުރުކޮށްގެން،" ކަމަށެވެ.

މީގެ އިތުރުން، ޑރ. މުޢިއއްޒުގެ އަރިހުގައި ސަރުކާރެއް ހިންގުމުގެ މަސައްކަތްކުރަށްވާން ތިއްބެވީ ރާއްޖޭގައި މިވަގުތު ތިބި އެކަމަށް އެންމެ އެކަށޭނަ، ތަޢުލީމާއި ތަޖްރިބާއާއި އަދި ޚިދުމަތްތެރި ބޭފުޅުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "އެންމެ ހިދުމަތްތެރި ޓީމް އޮތީ ޕީޕީއެމް-ޕީއެންސީގައި. ރައީސް ޔާމީންގެ އަރިހުގައި،" ކަމަށެވެ. އަދި "ދައުލަތެއް ހިންގުމުގެ ފުރިހަމަ ގާބިލިއްޔަތުކަން ޕީޕީއެމް އާއި ޕީއެންސީގައި އެބަހުރި،" ކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރު، އަދި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުޢިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް، ވޭތުވެ ދިޔަ 5 އަހަރު ތެރޭ ކޮންމެ ރެޔަކުހެން، ރައީސް ޔާމީންގެ ޕްރޮގްރެސް ކޯލިޝަނުން ދަނީ ރާއްޖޭގައި ބޭރުގެ އަސްކަރީ ސިފައިން އެބަ ތިބި ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާސަތާ އިސްތިގުލާލު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި އަދި މިހާރުން މިހާރަށް ބޭރުގެ އަސްކަރީ ސިފައިން ރާއްޖޭން ފޮނުވާލުމަށް އެދި ސަރުކާރަށް ގޮވާލައި އިހްތިޖާޖުކުރަމުންނެވެ.