ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ހޮވުމަށް ކެމްޕޭނުކުރެއްވުމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ނިންމަވައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ ރައީސް ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުން، އެ ފުރުސަތު ލިބިވަޑައިގަތީ ޑރ. މުޢިއްޒަށެވެ. ނަމަވެސް، ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ޣައްސާން މައުމޫން ފިޔަވައި އަދި މިހާތަނަށް، ރައީސް ޔާމީންގެ ޢާއިލާގެ ބޭފުޅަކު މުޢިއްޒުގެ ކެމްޕޭން ޚަރަކާތުގައި ރަސްމީކޮށް ފެނިފައެއް ނުވެއެވެ.

ޚަބަރުތައް ލިބޭގޮތުން، ހޯމަދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ހުންނަ ދިވެހީންގެރާއްޖެ ކެމްޕޭން ޖަގަހައަށް މެޑަމް ފާތުން ޒިޔާރަތްކުރައްވާނެއެވެ. އަދި ރަސްމީކޮށް މުޢިއްޒުގެ ކެމްޕޭން ޚަރަކާތަށް އެކަމަނާ ނިކުމެވަޑައިގަންނަވާނެވެ.

މުޢިއްޒުގެ ކެމްޕޭން ޚަރަކާތަށް ރައީސް ޔާމީންގެ އަނބިކަނބަލުން ނުކުމެވަޑައިގެންފި ނަމަ އެކަން ވެގެންދާނީ އިދިކޮޅު ސިޔާސީ ބޭފުޅުންގެ މޫނުމަތީގައި އަޅާލެވޭ ހޫނު އެތިފަހަރަކަށެވެ.

އެހެނީ މުޢިއްޒަށް ރައީސް ޔާމީންގެ ތާޢީދު ނެތްކަންދެއްކުމަށް އިދިކޮޅު ފަރާތްތަކުން ދަނީ، ކެނޑިނޭޅި ތަފާތު ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން ވާދަވެރި އެމްޑީޕީގެ ކެމްޕޭނުގެ ބޮޑުބައެއް ޚާއްސަވެފައި އޮންނަނީ މުޢިއްޒާ ޔާމީނާ ދެމެދު ގުޅުން ގޯސްކަން ޕީޕީއެމް ކެންޑިޑޭޓުންނަށް ދެއްކުމުގެ ބައެވެ.