ހދ. ނެއްލައިދޫން އެރަށު ރައްޔިތުން އެދުނު ގޮތަށް އެރަށް ކައިރީ އޮންނަ ހިރިނައިދޫ، ރަށުކައުންސިލާ ހަވާލުކޮށް އިގްތިސޯދީ މަސައްކަތް ކުރެވޭ ތަނަކަށް ހަދައިދޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެ ވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނެއްލައިދުއަށް ވަޑައިގެން ރައީސް ވަނީ, މިހާރު ވަރުވާއަށް ލިޔެދީފައި އޮންްނަ ހިރިނައިދޫގައި ލަނޑާ ފަދަ ތަކެތީގެ މަސައްކަތް ކުރެވޭނެހެން ނެއްލައިދޫ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"މިރަށާ ކައިރީގައި މިއޮތް ހިރިނައިދޫއަކީ އިގްތިސޯދީ މަސައްކަތް ކުރެވޭ ތަނަކަށް ބަދަލުކުރާނަން. އެކަން ކުރުމަށްޓަކައި، މިވަގުތު މި ރަށް މިއޮތީ ވަރުވާއަށް ލިޔެދީފައި. އެކަން ބަދަލުކޮށް، ކައުންސިލާ ހަވާލުކޮށް، ލަނޑާ ފަދަ ތަކެތީގެ މަސައްކަތް ކުރެވޭ ތަނަކަށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ނެއްލައިދޫގެ އިހްތިޞާސްގެ ތެރޭގައި ހިރިނައިދޫ ހިމެނުމަށް އެރަށު ކައުންސިލުން ހުށަހެޅީ މިދިޔަ އަހަރު ޖޫން މަހު ރައީސް އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ނެއްލައިދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއަށް ގެންނަ އިގްތިސޯދީ ބޮޑު ބަދަލުގެ ބައެއްގެ ގޮތުގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

"ގައުމެއް ތަރައްގީ ވަނީ އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވި، ކާގޯއާއި މުދާ އެއްތަނުން އަނެއްތަނަށް ގެންދެވިގެން. ޓްރާންސްޕޮޓޭޝަން ހަމަޖެހިގެން،" މިހާރު އާރްޓީއެލް މެދުވެރިކޮށް މީހުންނަށް ދަތުރުކުރެވޭއިރު، މުދާ ވެސް އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތް ހައްދަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

ރަައީސް ވިދާޅުވީ އަންނަ ދައުރުގެ އަމާޒަކީ ރަށްރަށުގައި އުފައްދާ ތަކެތި ނޫނީ އެހެން ރަށަކަށް ގޮސް ގަނެގެން ގެންނަ ތަކެތި ފަސޭހަކަމާއެކީގައި ބޭނުންކުރެވޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ. އެގޮތުން ކާގޯ އާއި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެ ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކާގޯ އާއި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ދެވިގެންދާނެ، ކުދި ދާގީނާގެ ލޮޖިސްޓިކްސް ވެސް. އާރްޓީއެލް މިހާރު މި ބޭނުންކުރާ ފެރީތަކުގައި އަޅުގަނޑުމެން އިމްޕްލިމެންޓް ކުރާނަން. އިތުރަށް ކާގޯ ފެރީ ވެސް މި ސަރަހައްދެއް ވެސް އަދި މުޅި ރާއްޖެއަށް އިމްޕްލިމެންޓްކޮށް އޭގެ ފަސޭހަ ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.