ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް، ސިޔާސީ ޕާޓީތަކުން ހަބޭސްކިޔާފައި ލާރި އެބަ އަޅާ ކަމަށާއި، އެލާރީގައި ހިފި ނަމަވެސް، ވޯޓު ދޭންވާނީ ވަރަށް ވިސްނާފައި އެންމެ ރަނގަޅު ކެންޑިޑޭޓަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕޭން ޖަލްސާއެއްގައި،  "ލާރިވެސް އަޅާނެ އިނގޭތޯ، ލާރި އަޅަނީ އޮއްސައިގެން. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަސްޓަމުން މިހާރުވެސް ފޮށިފޮށީގައި ބަންދުކޮށްގެން ގެނައި ލާރިތައް،" ބަހަން ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވިއެވެ.

" ހަބޭސް ކިޔާފައި އަޅަނީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ އެޅި ވަރަކަށް ހިއްޕަވާށޭ، ދެން ކޯއްޗެއްތޯ އަޅުގަނޑު ދަންނަވާނީ؟" އެގޮތަށް ލިބޭ ފައިސާގައި ރައްޔިތުން ހިފި ނަމަވެސް ވޯޓުދޭއިރު، ރަނގަޅަށް ވިސްނާފައި ވޯޓުލުމަށް ގާސިމް އިލްތިމާސްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މީގެ ކުރީން އެމްޑީޕީއާ، ޕީޕީއެމްގެ ސަރުކާރު ގެނައުމަށްވެސް އޭނާ ވަރަށް ބޮޑު ހޭދައެއްކުރެއްވި ކަމަށާއި، ނަމަވެސް ހުރިހާކަމެއް ދިޔައީ ފެއިލްވެގެން ކަމަށާއި އެހެންކަމުން ގައުމު ސަލާމަތްކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށް ދެކިވަޑައިގަންނަވާތީ އިންތިޚާބުގައި ވާދަކުރައްވަނީ ކަމަށެވެ.