ފުލުހުން މެދުވެރިކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސް އަޅާތީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހދ. ކުޅުދުއްފުށްޓަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިިގަންނަވާތީ އެ ދަތުރުގެ 4 ގަޑިއިރު ކުރިން ފެށިގެން އެހެން ކެންޑިޑޭޓުންގެ ކެމްޕޭނަށް އެއްވެސް ބާވަތެއްގެ ސައުންޑެއް ބޭނުންކުރުން ފުލުހުން މަނާކޮށްފައިވާކަމަށެވެ.

ނަމަވެސް އެ ގަޑިތަކުގައިވެސް ރައީސް އިބްރާހިމްގެ ކެމްޕޭނު ސައުންޑް ޕިކަޕްތައް ނެރިގެން އަޑުގަދަކުރާކަމަށް ވައްޑެ ވިދާޅުވެފައިވެއެވެ.

"ކުޅުދުއްފުށްޓަށް ރ. ސޯލިހު ކުރައްވާ ކެމްޕޭނު ދަތުރުގެ 4 ގަޑިއިރު ކުރިން ފެށިގެން އެހެން ކެންޑިޑޭޓެއްގެ ކެމްޕޭނަށް އެއްވެސް ބާވަތެއްގެ ސައުންޑެއް ބޭނުންކުރުން ފުލުހުން މަނާކޮށްފި. މި ގަޑިތަކުގައިވެސް ރ.ސޯލިހުގެ ކެމްޕޭނު ސައުންޑް ޕިކަޕްތައް ނެރިގެން އަޑުގަދަކޮށްގެން އެބައުޅޭ." ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހިމް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ އެހެން ޕާޓީތަކުގެ ކެމްޕެއިން ހަރަކާތަށް ފުލުހުން މެދުވެރިކޮށް ހުރަސް އެޅި މައްސަލައެއް ފެންމަތިވެފައިވާއިރު މިއަދު ހަވީރު އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަންވާއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ގިނަ މީހުން ނެރުމަށްޓަކައި ފައިސާ ބަހަމުންދާކަން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

"ކުޅުދުއްފުށީ އޮންލައިން"ގައި ރިޕޯޓުކޮށްފައި ގޮތުން ރައީސް އިބްރާހީމްއަށް މަރުހަބާ ކިޔުމަށް ނިކުންނަ ބޮޑެތި މީހުންނަށް މީހަކަށް 500 ރުފިޔާ އަދި ކުޑަކުއްޖެއްނަމަ 200 ރުފިޔާ އަންނަނީ ދެމުންނެވެ. އެ ނޫހުން ބުނީ ފައިސާ ލިބުނު ބައެއް މީހުންވެސް އެކަން ކަށަވަރުވެސް ކޮށްދީފައިވާކަމަށެވެ.

ކުޅުދުއްފުށީގެ މީހުން ބުނާގޮތުން މިއީ އެމްޑީޕީގެ ކެންޑިޑޭޓަކު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ މީހުން ގިނަ ކުރަން ރުފިޔާ ބަހާ ފުރަތަމަ ފަހަރެވެ.