ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ހުންނެވީ މުރުތައްދުވެފައި ކަމަށާއި، އެމަނިކުފާނު އަލުން ތަޢުބާވާން ޖެހޭކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ޕްރޮގްރެސް ކޯލިޝަނުން ބޭއްވި ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭން ޖަލްސާގައި އަދުރޭ ވަނީ، އަދާލަތު ޕާޓީގެ ރައީސް، އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކޯލިޝަން ޕާޓްނަރު ޢިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އިމްރާނަކީ މި ޤައުމަަށް ޣައްދާރެއް. މުނާފިގެއް. މުރުތައްދުވެފައި އޭނަ އެހުރީ. މުރުތައްދުވެފައި އެހުރީ، އަލުން ތައުބާވާންޖެހޭނީ،" އަދުރޭ  ވިދާޅުވިއެވެ.

އަދުރޭގެ މިފަދަ ބަހުގެ ހަމަލާތަކެއް ދާޚިލީ ވަޒީރަށް އަމާޒުވީ، މާލޭގައި ބޭއްވި ރައީސް އިބްރާހީމްގެ ކެމްޕޭން ޖަލްސާއެއްގައި، ޑރ. މުޢިއްޒަށް ޢިމްރާން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. ޢިމްރާ ވަނީ، ޑރ. މުޢިއްޒު ހާލުގައި ޖެހުނު ވަގުތު އެހީތެރިވީ ޢިމްރާނު ކަމަށާއި، މުޢިއްޒަކީ ޣައްދާރެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، އިމްރާން އެ ހުންނެވީ މިސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން، " މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް، ރަސޫލާއަށް ހަޖޫޖެހީމަ އެވެރިކަން ދަމަހައްޓަން ފޫގަޅައިގެން ނުކުމެ،" ކަމަށެވެ.

އަދި ރައީސް ޔާމީންގެ ޑރ. މުޢިއްޒު އިންތިޚާބަށް ނުކުމެ ހުންނެވީ، ޕްރޮގްރެސް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމީންގެ ފުރިހަމަ ތާޢީދާއެކު ކަމަށާއި، މުޢިއްޒާ ދިމާކޮށްލައިގެން އުޅޭ ނަމަ، އިމްރާނުގެ ހުތުރު ފަތިފުށް ހާވާން ޖެހިދާނޭކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މުޢިއްޒުގެ ދިފާއުގައި ވަރަށް ވަރުގަދަ، ހިތްވަރު ހުރި ޓީމެއް. ކެރޭ ޓީމެއް. ރައްދު ދެވޭ ޓީމެއް،" އަދުރޭ ވަރަށް ޖޯޝާއެކު ވިދާޅުވިއެވެ. އަދި "ފަތިފުށް ހާވާނެ ކަމެއް ނެތް. ޢިމްރާނުގެ ފަތިފުށް މާހަޑި. މާހުތުރު. މަޤާމުގެ ދަހިވެތިކަމުގައި ދީން ވިއްކާލައިގެން އެހުރީ،" ޢިމްރާނަށް ރައްދުދެއްވަމުން އަދުރޭ ވިދާޅުވިއެވެ.