ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ދިނުމަށް ބަލާނޭ ހަމަ އެކަނި ޝަރުތަކީ ޢުމުރުން 18 އަހަރުވުން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު (އިއްލި) ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓުންގެ "އުތުރާއި ދެކުނުގެ ތަސައްވުރު" ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލްޔާސް ވިދާޅުވީ، "އަޅުގަނޑުމެން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ޝަރުތު ހަމަވާ ހަމައެކަނި، އެންމެ ކަމެއް ބަލަނީ. 18 އަހަރު ވީމަ އެ ޝަރުތު ހަމަވީ،" ކަމަށެވެ.

އޭނާ ވިދާޅުވީ، "ކޮންމެ ތަނަކުންވެސް 18 އަހަރުވީމަ ޝަރުތު ހަމަވީ، ބޯހިޔާވަހިކަން ލިބެންޖެހޭނެ، އޭނަ ހާލުގައި ޖެހިފައި ބިކަވީމަކާއެއް ނޫން. 18 އަހަރުވާ ކޮންމެ ކުއްޖަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ ކުއްޖެއް،" ކަމަށެވެ. އަދި "އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން." ކަމަށް ޒުވާން ކެންޑިޑޭޓް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ލާމަރުކަޒީ އުސޫލުން ހިންގޭ މަޝްރޫޢުތަކެއް ކަމަށް ހަދައި، ރާއްޖޭގެ އުތުރާއި ދެކުނު މާލެއަށް އަންނާން ނުޖެހޭވަރަށް ތަރައްގީކުރާނޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ކައުންސިލް މެދުވެރިކޮށް، ކައުންސިލް ހައުސިންގެ ތެރޭން އެރަށެއްގެ ރައްވެހީންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނޭ މަގު ފަހިކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ.