ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނޭ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ބަހުސުގައި އިގްތިޞާދީ ދާއިރާއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިޞާދު ހަރުދަނާކުރުމަށްޓަކައި މުޙިއްމު ފިޔަވަޅުތަކެއް އަޅާން ޖެހޭ ކަމަށާއި، އޭގޮތުން، މުދަލާއި ތަކެތީގެ އަގު ހަމަމަގަށް އެޅުވުމަށްކައި ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ނާޒީމް ވިދާޅުވީ، "ދިވެހިރާއްޖޭގެ އިންފްލޭޝަން ކުޑަކުރުމަށްޓަކައި ޑޮލަރުގެ ރޭޓް 15.42އަށް ބަދަލުކުރުމަށްޓަކައި، ދިވެހިރާއްޖެއަށް ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރުމަށްޓަކައި 60 ޕަސެންޓް ބޭންކުތަކަށް މާރުކުރާގޮތަށް ގާނޫނުތެރޭން ބަދަލުކޮށް ދިވެހިރާއްޖޭގެ ކަރަންސީ ސްޓެބަލައިޒް ކުރާނޭވާހަކަ އަޅުގަނޑު ދަންނަވާލަން،" ކަމަށެވެ.

ދަރަންޏަކީ މައްސަލައެއް ނޫން ކަމަށާއި، ދަރިނީގެ މައްސަލަ ހައްލުކުރުމަށް، ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ކުރާންޖެހޭ މަސައްކަތް އޭނާގެ ސަރުކާރެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ.  

ނާޒިމް ވިދާޅުވީ، "ދިވެހީންނަކީ މުއްސަނދި ބަޔަކަށް ހެދޭތަން އަޅުގަނޑަށް އެބަ ފެނޭ،" ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިޞާދު ވަރުގަދަކުރުމަށްޓަކައި 2 އަހަރު ތެރޭ ރާއްޖޭގެ މައި އެއަރޕޯޓް ނިންމައި، ނުނިމި ހުރި ރިސޯޓްތައް ނިންމައި،  އެއިން ލިބޭ ނަފާ އިތުރުކުރައްވާނޭކަމަށް ވިދާޅުވިއެވެ. އަދި ޓޫރިޒަމް މިހާރު އޮތް މަރުހަލާއިން އެހެން މަރުހަލާއަކަށް ބަދަލުކުރައްވާނޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް އެޑްވެންޗަރ ޓޫރިޒަމް ތައާރަފްކޮށް އެއާއެކު މަސްވެރިކަމުގެ ސިނާއަތު ވަރުގަދަކޮށް އެއިން ލިބޭ އާމްދަނީ އިތުރުކުރައްވާނޭ ކަމަށާއި، އެޑިއުކޭޝަނާސް އިންޑަސްޓްރީއާއި އިންފޮމޭޝަން ޓެކްނޮލޮޖީ އިނޮވޭޝަނާސް އިންޑަސްޓްރީ އުފެއްދުމުން، "އެއާއެކު ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ދެ ގުނައަށް އިތުރުވާނެ،" ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކޮށް، މީރާގެ ޓެކްސް ނިޒާމު ވަރުގަދަކޮށް އެންމެން ޓެކްސް ދައްކާން މަޖުބޫރުކުރުމުން އިގްތިސާދު ހަމައަކަށް އެޅުވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.