ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭރުގައުމުތަކުގައި ހަދާފައި ހުންނަ، އެމްބަސީ ތަކަކީ އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގާތްމީހުންނަށް ވަޒީފާދޭން ހުންނަ ތަންތަން ނޫންކަމަށާއި އެއީ ރައްޔިތުންގެ ލާބައާ މަންފާއަށް މަސައްކަތްކުރާން ހަދާފައި ހުންނަ ތަންތަން ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ސަންގު ބަހުސުގެ ޚާރިޖީ ސިޔާސަތު ބައިގައި އިލްޔާސް ވިދާޅުވީ، "ރާއްޖޭގެ އެމްބަސީތަކެއް ހައިކޮމިޝަންތަކެއް އެކި ގައުމުތަކުގައި އެބަހުރި. އެއީ ހަމައެކަނި ސަރުކާރެއްގެ އިންނަ ރައީސުލްޖުމްހޫރިއްޔާގެ ގާތްމީހުންނަށް ވަޒީފާ ދީފައި އޮންނަ ތަނެއް ނޫން. އެއީ ދައުލަތުގެ މަސައްކަތްކުރާން، ސަރުކާރުގެ މަސައްކަތްކުރާން. ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިބޭ މީހުން މަސައްކަތްކުރާތަނެއް،" ކަމަށެވެ.

އިލްޔާސް ވިދާޅުވީ، "އެތަނަށް އަންނާނީ ގެސްޓްހައުސް ހިންގާމީހުންގެ ގެސްޓްހައުސް ޕްރޮމޯޓްކުރާން ގޮސް އެމީހުން މަސައްކަތްކުރާން ޖެހޭނެ. އެމީހުން ޖެހޭނެ ރާއްޖޭގެ ވިޔާފާރިކުރާ މީހުންނަށް މަގުފަހިވާގޮތަށް ކަންތައްކުރާން. ވިޔަފާރިވެރީންނަށް ފަހި ފުރުސަތުތައް ހޯދަން. ޓްރޭޑްފެއަރތައް ބޭއްވޭނެ ގޮތް ހޯދައިދޭން. އޭގައި ބައިވެރިވާނެ ހުރިހާ އެމްބަސީތަކެއްގައި މަސައްކަތްކުރާ ފަރާތްތައް މި ކެމްޕޭންތަކުގައި ނިކުމެ ރާއްޖޭގެ އިގްތިޞާދު ކުރިއަރުވައި، ރާއްޖޭގެ ކަންތައްތަކުގައި މަސައްކަތްކުރާން ޖެހޭނެ. ރާއްޖެ ޕްރޮމޯޓްކުރާން ޖެހޭނެ،" ކަމަށެވެ.

އިލްޔާސް މިގޮތަށް ވާހަކަފުޅު ދެއްކެވިއިރު، ރައީސް އިބްރާހީމްގެ ސަރުކާރުން ރާއްޖޭން ބޭރުގައި ހަދާފައިވާ އެކިއެކި މިޝަންތަކުގައި ހަރަކާތްތެރިވާ އެކިއެކި ނަންނަމުގައި ލާފައިތިބި ސިޔާސީ އެކަ ފަރާތްތަކަށް ދައުލަތުގެ މާލިއްޔާއިން އެތަކެއް މިލިއަން ރުފިޔާ ޚަރަދުކުރާކަން ފާހަގަކޮށްލެވެއެވެ. އަދި މި ތަންތަނަކީ، ދައުރު ނިމެންދެން ސަރުކާރުގެ ގާތް ފަރާތްތައް ބޭރުގައުމުތަކުގައި ލަގްޜަރީ ޗުއްޓީތައް ހޭދަކޮށްލާން ހަދާފައިވާ ތަންތަން ކަމަށް އާންމުން ސިފަކުރެއެވެ.