ދިވެހިރާއްޖޭގައި މިހާރު މިއޮތީ، ދިވެހީންނަށް އިސްއުފުލައި، ބަސްކިޔޭނޭ ފަދަ ދިވެހީންނަށް ވަރަށް ފައިދާވާގޮތަށް ބައްޓަންކުރެވިގައިވާ ޚާރިޖީ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ސަންގު ބަހުސްގައި ޚާރިޖީސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، " މިވޭތުވެދިޔަ 5 އަހަރު ތެރޭގައި 180އަށް ވުރެ ގިނަ ގައުމަކާއެކު އަޅުގަނޑުމެންނަށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރެވިއްޖެ. 80އަށް ވުރެ ގިނަ ގައުމަށް ވިސާއާ ނުލައި ދަތުރުކުރެވެން ފަށައިފި. އަރަބި ގައުމުތަކާއެކު ގުޅުންކަނޑާލާފައި އޮތް އޮތުން ބަދަލުކުރެވިއްޖެ. ކޮމަންވެލްތައް އަލުން ރުޖޫޢަވެއްޖެ." ކަމަށެވެ. އަދި " ޔޫރަޕިއަން ޔޫނިއަންއާއެކު ވަރަށް ގާތްގުޅުމެއް އުފެއްދިއްޖެ. އިނގިރޭސިވިލާތާއެކު މިހާރުވެސް މިދަނީ ފްރީޓްރޭޑް އެގްރީމެންޓަކާ އެއްބަސްވަމުން،" ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ " އެހެންކަމުން އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިގެން ދާނީ މިގޮތަށް، އަދި އިސްއުފުލޭ ޚާރިޖީ ސިޔާސަތެއްގެ ގޮތުގައި އަޅުގަނޑުމެން އޮންނާނަން. ބަސްކިޔާނެ ބަޔަކީ އަޅުގަނޑުމެން. ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ރައްޔިތުންނަށް އެންމެ ފައިދާކުރާނޭ ޚާރިޖީ ސިޔާސަތު މިހާރުވެސް ބައްޓަންކުރެވިފައި އޮތީ، ކުރިއަށް އޮތްތަނުގައިވެސް އެކަން ކުރެވިގެންދާނީ އެގޮތަށް،" ކަމަށެވެ.

އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މިހާރުވެސް ބައްޓަންވެފައި މިއޮތީ، ޑިމޮކްރަސީ ކުރިއަރުވައި، ހިއުމަންރައިޓްސް ކުރިއަރުވައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ކަމަށާއި، "މިކަމާ އެކީގައި މަސައްކަތްކުރާ ހުރިހާ ގައުމުތަކާއެކުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަން،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، "އަޅުގަނޑުމެންގެ ސިޔާސަތަކީ، އިންޑިއާ ފަސްޓް، ވަން ޗައިނާ ޕޮލިސީ. އެއީ ހެނދުނު ފުރައްސާރަކޮށް، ހަވީރު ފިރުމާގޮތަށް އޮތް ސިޔާސަތެއް ނޫން،" ކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު، ޗާގޯސް މައްސަލައިގައި ދިވެހީންނަށް ވަނީ ދިވެހީންގެ ކަނޑުގެ ބޮޑުބައެއް ގެއްލިފައެވެ. ރާއްޖޭގެ ދެކޮޅާއި މެދުތެރޭގައި އިންޑިއާގެ އަސްކަރިއްޔާއިން ގާއިމުވެ ތިބިކަމުގެ ތުހުމަތުތައް އެބަކުރެވެއެވެ. އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގޭ ކުދިކުދި  މަޝްރޫޢުތައް ވެސް ގިނަފަހަރު އިއުލާނުކުރަމުން ގެންދަނީ ސީދާ އިންޑިއާ އެމްބަސީ މެދުވެރިކޮށްކަންވެސް ފާހަގަކޮށްލެވެއެވެ.