ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރުގެ ސަރުކާރެއް އުފެދިއްޖެނަމަ، ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ، ޗައިނާވިޔަސް އަދި އިންޑިއާ ވިޔަސް އެގައުމުތަކުގެ އުނގަށް ނާރައި ކަމަށާއި، ސިޔާސީ ނުފޫޒުން އެއްކިބާވާން ބޭނުންނަމަ، ނަގިލި ލާންވީ މެދުއިރުމައްޗަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދިން ސަންގު ބަހުސުގައި ޢުމަރުގެ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން، ކުރިސުވާލަށް ޖަވާބުދެއްވަމުން ޢުމަރު ވިދާޅުވީ، "އަޅުގަނޑުގެ ސިޔާސަތަކީ އިންޑިއާ ފަސްޓެއްވެސް ނޫން، ޗައިނާ ފަސްޓެއްވެސް ނޫން މޯލްޑިވްސް ފަސްޓް،" ކަމަށެވެ.

ޢުމަރު ވިދާޅުވީ، "އަޅުގަނޑުމެން މި ދެގައުމާވެސް ގުޅުން ގާއިމް ކުރާނަން، ގުޅުން ބާއްވާނަން އަޅުގަނޑުމެން. ސަބަބަކީ މި ދެގައުމަކީވެސް، އިގްތިޞާދީގޮތުން ވަރަށް ބޮޑު ދެ އިގްތިޞާދު،" ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އެ ދެގައުމާ އިގްތިޞާދީގޮތުން، ގުޅުމަށް ބޭނުންވާ ހުރިހާ ލިންކުތަކެއް އަޅުގަނޑުމެން އަޅާފަ ބާއްވާނީ،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "އެކަމަކު އެއްވެސް ގައުމެއްގެ އުނގަށް އަޅުގަނޑުމެން އަރައިފިއްޔާ، އެއީ ޗައިނާ އުނގަށް އަޅުގަނޑުމެން އެރި ކަމުގައި ވީނަމަވެސް، އިންޑިއާ އުނގަށް އަޅުގަނޑުމެން އެރި ކަމުގައިވީ ނަމަވެސް، މިގައުމުގެ މިނިވަންކަންވެސް ފުނޑުފުނޑުވެގެން ދާނެ، މިގައުމުގެ އިގްތިސާދުވެސް ފުނޑުފުނޑުވެގެން ދާނޭ،" ކަމަށެވެ.

"އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަގިއްޔެއް ތަނަކަށް ލާކަމަށް ވަންޏާ، މެދުއިރުމައްޗަށް އަޅުގަނޑުމެން ލާންވާނީ. އޭރުން އެމީހުންގެ ނޯންނާނެ މާބޮޑު ޕޮލިޓިކަލް އިންފުލުއެންސެއް،" މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ، ކެންޑިޑޭޓް ނަންބަރު 1 ޢުމަރު ވިދާޅުވިއެވެ.