ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރެއް އުފެދިއްޖެ ނަމަ، ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާނީ، ދިވެހީންގެ ގޯތީގެ ވަށާފާރުމަތިން ނާރާހާ ހިނދަކު ހުރިހާ ގައުމަކާވެސް ގާތް ގުޅުމެއް ބޭއްވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ސަންގު ބަހުސުގައި ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ދިވެހީންގެ އިންތަކާ މިންތަކަށް އިހްތިރާމްކުރާ ކޮންމެ ގައުމަކާވެސް ގާތް ގުޅުމެއް އޮންނާނޭ ކަމަށެވެ.

"އަޅުގަނޑުމެންނާ އެއްވެސް ގައުމަކާ ރުޅިވެރިކަމެއް ނޯންނާނެ، މި ދެންނެވި ހަމަ ގަބޫލުކުރާ ކަމަށް ވަންޏާ. ދިވެހީންގެ ގޯތީގެ ވަށާފާރުމަތިން ނާރާހާ ހިނދަކު އަޅުގަނޑުމެންނާ ގާތްގުޅުން އޮންނާނެ، ކޮންމެ ގައުމަކާވެސް،" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "އަޅުގަނޑުމެންނަކީ އެއްވެސް ގައުމަކާ ދެކޮޅު ވެގެން އުޅޭނޭ ބައެއް ނޫން. މިތަނުގައި އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން، އަޅުގަނޑުމެންގެ ބަސްބުނެ އަޅުގަނޑުމެންގެ ސިޔާދަތު ހިމާޔަތްކުރެވި އަޅުގަނޑުމެންގެ އިސްތިގުލާލު ހިމާޔަތްކުރެވޭ ކަމަށްވަންޏާ އެއީ އަޅުގަނޑުމެން އިސްކުރާނޭގޮތް،" ކަމަށެވެ.

"އަޅުގަނޑުމެންގެ އިގްތިޞާދު ކުރިއަށް ގެންދެވި، އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އަޅުގަނޑުމެންނަށް ދެއްކި، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ތިބި ތަންތަނުގައި އެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ފަރާތުން ފައިދާވާ ސިޔާސަތުތަކަކަށް ސިޔާސަތު ހަދާނަން،" މެލޭޝިއާ ވިޔަސް ލަންކާވިޔަސް އެހެންތަނެއް ވިޔަސް ކަންކުރައްވާނީ ދިވެހީންނަށް އެންމެ ފައިދާވާގޮތަށްކަމަށް މުޢިއްޒު ވިދާޅުވިއެވެ.  

އޭނާ ވިދާޅުވީ، ދިވެހީންގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ފައިދާވާން ޖެހޭނީ ދިވެހީންނަށް ކަމަށާއި އެހެންގައުމެއްގެ ރައްޔިތުންނަށް ނޫން ކަމަށެވެ.

އެހެންވީމާ އޭނާގެ ސަރުކާރެއްގައި ފެންނާނީ، ދިވެހީން އިސްކުރާ ސިޔާސަތު ކަމަށާއި، އެ ސިޔާސަތު ގަބޫލުކުރާ ހުރިހާ ގައުމަކާވެސް ޚާރިޖީ ގުޅުން ރަނގަޅުވާނޭކަމަށް މާލެސިޓީގެ މޭޔަރުކަންވެސް ކުރައްވާ މުޢިއްޒު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ، "އަޅުގަނޑުމެންގެ މިނިވަންކަމާ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް ކޮންމެ ގައުމަކުންވެސް ޖެހޭނެ ރެސްޕެކްޓްކުރަން. އިހްތިރާމުކުރާން. އެ އިމުގެ ތެރޭގައި އަޅުގަނޑުމެންނާ ވާހަކަދައްކާ ނަމަ، އެ އިމަށް އިހްތިރާމްކުރާނަމަ އަޅުގަނޑުމެންނާ ގާތްގުޅުން އޮންނާނެ،" ކަމަށެވެ.