ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާން ނިންމެވީ މަޖުބޫރީ ހާލަތެއްގައި ކަމަށާއި، އަދި ސިޔާސީ ގޮތުން އަދިވެސް ގާސިމަށް އެންމެ ރަނގަޅީ އެމްޑީޕީގެ ކޯލިޝަން ސަރުކާރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގާސިމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް ވިދާޅުވީ، "އަޅުގަނޑުމެންގެ ސިޔާސަތުތަކާ، ކުރިއަށްދާ ގޮތާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވި،" ކަމަށެވެ.

ރައީސް ވިދާޅުވީ، އަދި ކުރިއަށް އޮތްތާނގައިވެސް "މަސައްކަތް ކުރެވޭނީ ވެސް އެމްޑީޕީއާ އެކީގައި ކަމަށް ވެސް ގަބޫލު ކުރައްވާ،" ކަމަށް ގާސިމް ވިދާޅުވިކަމަށެވެ. "އަބަދުވެސް ގާސިމް ވިދާޅުވީ ތިމަންނަ މިހިރީ އެކަން ކުރަން ތައްޔާރަށޭ."

ނަމަވެސް، ގާސިމަށް ރައީސާ ދުރަށް ޖެހިވަޑައިގަންނަވާން ޖެހިވަޑައިގަތީ، " ކައިރީގައި ތިއްބެވި ގާސިމަށް ލަފާ ދެއްވާ ބައެއް ބޭފުޅުންގެ ވިސްނުން އޭގެތެރޭގައި ތަފާތު ވާހަކަ ވިދާޅުވި،" ކަމަށެވެ.

"އެހެންވިމާ، މަޖުބޫރީ ހާލަތެއްގައޭ ތިމަންނަ މި ކުރިމަތިލަނީ. އެއީ ގާސިމް ވިދާޅުވާ ވާހަކައަކީ" ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު މިހެން ހުރި ކަމުގައިވީ ނަމަވެސް، ގާސިމް ވިދާޅުވަމުން ގެންދަވަނީ، މި ސަރުކާރަކީ ދައުލަތުގެ މާލިއްޔަތު ކަޅާކޮށްލައިގެން ތިބި، ވަރަށް ބޮޑަށް ފެއިލްވެފައިވާ ކޮރަޕްޓް ސަރުކާރެއް ކަމަށާއި، ކޯލިޝަނުގައިވެސް ތިބީ މަޖުބޫރީ ހާލަތަކުން ކަމަށެވެ. އަދި މި ސަރުކާރު ބަދަލުކުރުން ކޮންމެހެން ވެސް މަޖުބޫރު ކަމަށެވެ.