ރައްޔިތުން ބޭނުންވަނީ، މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) ނޫންގޮތެއް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރައީސް ކަމުގެ ހުވާކުރެއްވޭނޭކަމުގެ ޔަގީންކަން އެބައޮތްކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު (އިއްލި) ވިދާޅުވެއްޖެއެވެ.

ހައުސް އޮފް ޑިމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވާނީ، "ތިޔަ ބޭފުޅުން ތައްޔާރުތޯ؟ ތިޔަ ބޭފުޅުން ތައްޔާރުތޯ؟ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް މިއަރުވަނީ، އިރާދަކުރެއްވިއްޔާ އޮކްޓޯބަރ މަހުގެ ފަހުކޮޅާ ނޮވެމްބަރ މަހުގެ ކުރީކޮޅު ތިބޭފުޅުންނަށް އަޅުގަނޑުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދަޢުވަތުއަރުވާނަން،" ކަމަށް ވިދާޅުވެ ރައްޔިތުންނަށް ކުރިއަށް އޮތް ހެޔޮ ބަދަލުގެ ޔަގީންކަށް ދެއްވާފައެވެ. "އިރާދަކުރެއްވިއްޔާ އެ ދައުވަތުކާޑު ތިބޭފުޅުންނަށް ލިބިގެންދާނެ."

އޭނާ ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރިއަށް އޭނާ ކުރެއްވި ކެމްޕޭން ދަތުރާއި، އަދި ހައްދުންމައްޗަށް މިހާރު އޭނާގެ ރަނިންގމޭޓް ޙުސައިން ޢަމްރޫ ރަޝާދު ކުރައްވާ ކެމްޕޭން ދަތުރުފުޅުން ފެނިގެން ދަނީ، ރައްޔިތުން މިވެރިކަން ބަދަލުކުރާން ފެންބޮވައިގެންފައި ތިބި މަންޒަރު ކަމަށެވެ.

އިލްޔާސް ވިދާޅުވީ، "އަޅުގަނޑު މިއައީ ރ. އަތޮޅުން، ޢަމްރު އެއުޅުއްވަނީ ލ. އަތޮޅުގަ. އެ ދައުވަތުކާޑުގެ ޔަގީންކަން އެބަ އޮތް. އެ ދަޢުވަތުކާޑު އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ލިބިގެންދާނެ، އެއީ ޝައްކެތް އޮތް ކަމެއް ނޫން،" ކަމަށެވެ.

އެގޮތުން "ރ. އަތޮޅު ރައްޔިތުން ދެންނެވި މެސެޖަކީ، ތިމަންނަމެން މިތިބީ އިބޫ ނޫންގޮތެއް ހޯދަންށޭ، އެއީ އިލްޔާސޭ، އެއީ އިލްޔާސޭ،" ޖޯޝާއެކު ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

ކުރީން އެމްޑީޕީގައި ވަރަށް ބޮޑަށް ހަރަކާތްތެރިކޮށް އުޅުއްވި، ފަހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަ ޑިމޮކްރެޓްސް އުފައްދައި އެޕާޓީގެ ރިޔާސީ ޓިކެޓްގައި މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު ވިދާޅުވީ، "އަޅުގަނޑުމެން ދަ ޑިމޮކްރެޓްސް އުފައްދަން ކުރި މަސައްކަތް އެއީ ބިލާހެއްކަމަށް ބަޔަކު ދެކުނު،" ކަމަށެވެ.

"މިއަދު މި ޕާޓީ އުފައްދައިގެން އަޅުގަނޑުމެން އިންތިޚާބަށް ނުކުތީމަވެސް ބަޔަކު ދެކުނޭ، މިއީ މިކަންކުރާން އުޅޭ ބައެއް ނޫނޭ މިއީ ޖޯކެކޭ،" އިތުރަށް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ދަ ޑިމޮކްރެޓްސްއިން މިފަހަރުގެ އިންތިޚާބު ކާމިޔާކުރާނޭ ކަމަށާއި "އިރާދަކުރެއްވިއްޔާ މި އަންނަ 5 އަހަރު ތެރޭ އަޅުގަނޑުމެން މި ވަޢުދުވީ ކަންކަން ފުއްދައިދޭނަން،" ކަމަށެވެ.