ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަކީ "ކިސަޑުގަނޑެއްގައި އޮތް ޖަވާހިރެއް"ގެ ގޮތުގައި އެމަނިކުފާނުގެ އަބިކަނބަލުން ޢާއިޝަތު ނަހުލާ ސިފަކުރައްވައިފިއެވެ.

ގާސިމްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޖަލްސާގައި މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ، ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގާސިމްގެ ނަން ހުތުރު ކުރަން ބަޔަކު މަސައްކަތްކުރާ ކަމަށާއި އޭގެ ސަބުބަން ގިނަ ޒުވާނުންނަށް ވިސްނިފައި އޮންނަނީ، " ސޭޓު ފަޅެއް ދަމައިގެންފި. މަހުޖަނު ރަށެއް ކާލައިފި. ކޮންމެ ސަރުކާރަކުން ބޮޑު ޕޯޝަން ނަގައިގެން ބުރުމާ ގާސިމު އިންނާނީ ގޭގައި." މިފަދަ ގޮތަކަށް ކަމަށެވެ.

"އެބޭފުޅާގެ ވާހަކަ ދައްކަމުން އަގުވައްޓަމުން ކޮން ކަމެއްތޯ ނުކުރައްވަނީ؟ އެކަމަކު އަޅުގަނޑު ދަންނަވަން އޮތީ، ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށޭ،" ގާސިމްގެ އަގުވަޒަންކުރައްވަމުން ނަހުލާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ މުއްސަނދި އެއް މަހުޖަނުގެ އެއް އަނބިކަނބަލުން ކަމަށް ނަހުލާ ވިދާޅުވީ، ބަޔަކު ކިތަންމެ މަސައްކަތެއް ކުރިއަސް ހަގީގަތް އޮޅުވައި ނުލެވޭނޭ ކަމަށާއި، ގާސިމްގެ ވިޔަފާރިތަކުން ލިބުނު އާމްދަނީގެ 65 ޕަސެންޓް ހޭދަކުރީ މި ގައުމުގެ ނިކަމެތި ރައްޔިތުންނަށްޓަކައި ކަމަށެވެ.

ގާސިމަކީ ވިޝަނަރީ ލީޑަރެއް ކަމަށާއި އޭނާއަކީ އީޖާދީ ކަންކަމަށް ލޯބިކުރައްވާ، އަދި ކަންކަން ކުރައްވާނީ ވެސް، ދުނިޔޭގައި ތިބި އެކަމަކަށް އެންމެ މޮޅު މީހުން ގެނެސްގެން ކަމަށްވެސް ގާސިމަށް ތައުރީފުކުރައްވައި ނަހުލާ ވިދާޅުވިއެވެ.