ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބަށް މަރުގެ އިންޒާރު ދީފިއެވެ.

ޑިމޮކްރެޓްސްގެ ތަރުޖަމާން، އިމްތިޔާޒް ފަޚްމީ ވިދާޅުވީ، "ރޯނުއެދުރު813" ނަމުގައި އެކްސް (ކުރީގެ ޓްވިޓަރ)ގައި ހަދައިގެން އުޅޭ އެކައުންޓަކުން، އިލްޔާސަށް މަރުގެ އިންޒާރު ދީފައިވާ ކަމަށާއި އަދި އެ މައްސަލަ ވަރަސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ގޮވާލާކަމަށެވެ.

އިންތި ވިދާޅުވީ، އިލްޔާސްގެ އިތުރުން، އެ ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ވެސް މަރުގެ އިންޒާރު ދެމުން އަންނަ ކަމަށެވެ. އިލްޔާސަށާއި، ޑިމޮކްރެޓުންގެ އިސްފަރާތްތަކަށް މަރުގެ އިންޒާރު ދީފައި ވާ އަޑުތަކެއް މި ފެތުރުނީ، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށްވެސް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދީ، އޭނާ އެ މައްސަލަ ތަހުގީގުކުރުމަށް ސަލާމަތީ ބާރުތަކަށް ހުށަހަޅާފައިވާ ވަގުތެއްގައިކަން ފާހަގަކޮށްލެވެއެވެ.

އިންތި ވިދާޅުވީ، އިލްޔާސަށް މަރުގެ އިންޒާރު ދިން މައްސަލަ އިލެކްޝަންސް ކޮމިޝަނަށާއި، ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅުއްވާނޭ ކަމަށެވެ.