ވަކި މީހަކު ނަމާދު ކުރުމުން އެ ކަން ކުރާ މީހާއަށް ފުރައްސާރަ ކޮށްފައި ތިމާ ތާއީދު ކުރާ މީހާ ނަމާދު ކުރީމާ އެމީހާއަށް ސަނާ ކިޔުމުން އެނގެނީ އެމީހާގެ އަދުލުވެރި ކަމެެއް ނެތްކަން ކަމަށްޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަކި މީހަކު ނަމާދުކުރާ މަންޒަރު ފެނުނީމާ އޭނާއަށް ފާޑުކިޔައި، ފުރައްސާރަ ކޮށްފައި، ތިމާ ސަޕޯޓުކުރާ މީހާ ނަމާދުކުރާ މަންޒަރު ފެނުނީމާ، މާތް اللهއަށް ހަމްދުކޮށް، އޭނާއަށް މަދަހަ ސަނާ ކިޔާ މީހާގެ އެއްވެސް އަދުލުވެރިކަމެއް ނެތް ކަމަށެވެ. އަދި އެފަދަ މީހަކު ދައްކާ އެއްވެސް ވާހަކައެއް ގަބޫލުކުރަން ހެޔޮވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޢަލީ ރަމީޒު މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އިމާމުވެ ބަޔަކާއިއެކު ނަމާދުކުރައްވާތަން ފެންނަ ފޮޓޯއެއް ޓުވީޓާގައި ހިއްސާކުރައްވަމުން، އަދާލާތު އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުޙައްމަދު އިޔާޒު އާއި އަދިވެސް އެޕާޓީއަށް ނިސްބަތްވާ ބައެއް އެކްޓިވިސްޓުން މުޢިއްޒަށް ފާޑުކިޔައި ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައެވެ. 

މުޢިއްޒަށް ފާޑުވިދާޅުވެ އިޔާޒު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، 2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިޚާބަކީ ދިވެހި ރައްޔިތުން ގޮވައިގެން އިމާމްވެ ނަމާދުކުރާނީ ކާކުތޯ ބަލަން ބާއްވާ އިންތިޚާބެއް ނޫން ކަމަށެވެ.

އަދި އެއީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ޤައުމުގެ ހުރިހާކަމެއް ބަލަހައްޓާ ހިންގުމުގެ ހުންގާނު ޙަވާލުކުރާނީ ކާކާތޯ ބަލަން ބާއްވާ އިންތިޚާބެއް ކަމަށް ޑރ. އިޔާޒު ވިދާޅުވެފައިވެއެވެ.

"ނަމާދުގެ އިމާމްގެ ކިބައިގާ ހުންނަންޖެހޭ ޝަރްޠުތަކަކީ ތަފާތުކަމެއް" އިޔާޒު ވިދާޅުވިއެވެ. 

ޑރ. އިޔާޒަކީ ރައީސް އިބްރާހީމްގެ ވަރަށް ބޮޑު ފޭނެކެވެ. އެގޮތުން ވަރަށް ބޮޑަށް ރައީސަށް ތަޢުރީފުކުރައްވަވާ އިޔާޒްގެ މި ޓްވީޓާއި ގުޅިގެން ބައެއް ދީނީ އިލްމު ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އިޔާޒަށް ފާޑު ކިޔަމުންނެވެ.