ދިވެހިޤައުމަށް ޣައްދާރުވާ މީހުންނަށް ހަރުކަށި އަދަބު ދޭން ޤާނޫނެއް ވުޖޫދު ކުރައްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ، އޭނާގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުން ކަމަށެވެ. އެކަން ގެއްލޭ ގޮތަށް މި ސަރުކާރުގެ ބައެއް ވެރިން އަމަލުކޮށްފައިވާ ކަމަށާއި އެއީ ޤައުމަށް ހިޔާނަތްތެރިވެ ޣައްދާރުވުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެގޮތަށް ޤައުމާ މެދު ޣައްދާރުވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި އެއީ ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަން ކުރުމަށްޓަކައި މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤައުމަށް ޣައްދާރުވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެފަދަ މީހުންނަށް އަދަބު ކަނޑައަޅާ ޤާނޫނެއް ފާސްކުރާނެ ކަމަށެވެ.
"ބޭނުންހާ ގޮތަކަށް އަމިއްލަ ފައިދާތަކެއް ހޯދަން މިހާރު މި ހިނގާ ބޮޑެތި ކަންކަމެއް ނުހިންގޭނެ. އެއީ ޒީރޯ ޓަލެރެންސް އެންމެ ބޮޑަށް ދޭން ޖެހޭނެ ކަންކަން، އަޅުގަނޑު އެކަން ކުރާނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އަޑި ނޭނގޭ އެއްބަސްވުންތަކާއި ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުމަކީ ޣައްދާރުވުމުގެ އަމަލެއް ކަމަށް ސިފަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފައިވާ ކަމެއް ކަމަށާއި އެއިން ކޮންމެ އެއްބަސްވުމެއް ބަލައި މިނިވަންކަން ގެއްލޭ ގޮތަށް ހުރި ކަންކަން ހައްލު ކުރައްވާނެ ކަމަށެވެ.
"ބޭނުންހާ ގޮތަކަށް އަމިއްލަ ފައިދާތަކެއް ހޯދަން މިހާރު މި ހިނގާ ބޮޑެތި ކަންކަމެއް ނުހިންގޭނެ. އެއީ ޒީރޯ ޓޮލެރެންސް އެންމެ ބޮޑަށް ދޭން ޖެހޭނެ ކަންކަން، އަޅުގަނޑު އެކަން ކުރާނަން" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވަނީ އަވަށްޓެރި އިންޑިއާ އާއެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން އެންގުމުންވެސް ސަރުކާރުން ބުނެފައިވަނީ އެ އެއްބަސްވުންތައް ހާމަކޮށްފި ނަމަ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމަށެވެ.