ސަބަބު ހާމަކުރުމަކާއި ނުލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ. 

މަޖިލީހުގެ ނިމިގެން ދިޔަ ދައުރު ޖޫން 22ގައި ނިންމައި ޗުއްޓީއަށް ދިޔަ ފަހުން އަލުން ޖަލްސާތައް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ދުވަހު ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެެކުލަވާލުމުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީން ވަކިވެ އަލަށް އުފެއްދި އެ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެކަން މަޖިލީހަށް އެންގެވީ އެންމެ ތިން މެމްބަރުން ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. 

އެހެންވެ މަސައްކަތްތައް އެ ދުވަހު ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އޭގެ ޖެހިގެން އައި ދުވަހު އަޑުގަދަކުރާތީ ޖަލްސާ ކުރިއަށް ނުގެންދެވުނު އިރު މިދިޔަ ބުދަ ދުވަހު ޖަލްސާ ނުބާއްވައެވެ.

އޭގެ ފަހުން މި ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ކުރިއަކަށް ނުދިޔަ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ނުބޭއްވި އިރު އެކަމާ ގުޅޭ ގޮތުން މަޖިލީހުން ވަކި އެއްޗެއް ނުބުނެއެވެ. 

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޖަލްސާ ނުބޭއްވީ ކޯރަމް ހަމަނުވާނެ ކަމަށް ބެލެވޭތީއެވެ.