ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެގެ ނަމަ، ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ،  އާރުސީސީގެ ތަޖްރިބާއާއެކު ދިވެހީންނަށް މިހާރު ޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނޭކަމަށް އެކުންފުނީގެ ޗެއަރމަން އަދި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. 

ޓީވީއެމްގެ ރިޔާސީ ސިޔާސަތު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ، މިދިޔަ ސަރުކާރުތަކަށް ބޯހިޔާވަހިކަން ހައްލުކޮށް ނުދެވުނީ، އެ ސަރުކާރުތަކަށް އެކަން ކުރަން ނޭނގޭތީ ކަމަށެވެ. ގިނަ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ އުޅެނީ ދައުު ދެބައިވާ ފަހުން ކަމަށާއި އި ނަމަވެސް ސަރުކާރު ފެށޭ ތަނުން އެކަން ފަށައިގަންނަ ނަމަ، ދައުރުގެ މެދުތެރެއަށް ދާއިރު މައްސަލަ ހައްލުކުރެވޭނޭ ކަަމަށެވެ. 

"ބިލްޑިންގއެއް ނިމެން ނަގާނީ ގާތްގަނޑަކަށް 2 އަހަރާއި 2 އަހަރު ބައި. ގާތްގަނޑަކަށް 120 އެޕާޓްމަންޓްގެ ބިލްޑިންގއެއް ނިންމަން ނަގާ 24 މަސް ދުވަސް. އެހެންވީމާ މިހާރު ވެރިކަމާ ހަވާލުވެގެން ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެކަން ކުރަން ބޭނުންވެއްޖެ ކަމަށް ވަންޏާ އޭގެ ދެ އަހަރު ފަހުން އެކަން ނިމޭނެ،" އާރުސީސީގެ ޗެއަރމަން ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިހާތަނަށް ނިންމި 2 ޕްރޮކެޓް ވެސް ނިންމައި ދީފައި ވާނީ އޭނާގެ ކުންފުނިން ކަމަށާއި، އެކުންފުނީގެ ތަޖްރިބާގެ އަލީގައި އޭނާގެ ސަރުކާރެއްގައި މިކަންކަން މާ ފުރިހަމައަށް ކުރެވޭނޭ ކަމަށެވެ. 

"ވަރަށް ތެދުވެރި، އިހުލާސްތެރި ބަޔަކު ތިބި ކުންފުންޏެއް އެއީ. އެ ކުންފުންޏަކީ ދުވަހަށް ކަންކަން ނިންމާ ކުންފުންޏެއް. އެހެންވީމާ އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ސަރުކާރެއްގައި ރާއްޖޭގައި ބޯހިޔާވަހިކަމަކީ ވަރަށް ފަސޭހަ ކަމަކަށް ހަދާނަމޭ،" އާރުސީސީއަކީ ބައްޕައާއި އަޅުގަނޑުގެ ބޮޑުބޭބެގެ މަސައްކަތުން މި ހިސާބަށް ގެނެސްދިން މަސައްކަތެއްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އަދި ބިންހިއްކައިގެން ބަންޑާރަގޯތި ދޫކުރުންމިއީ ދައުލަތަށް ޖެހިފައިވާ އެންމެ ބޮޑު އެއް މުސީބާތެވެ. ނަމަވެސް، އަދިވެސް ސަރުކާރުންވެސް، އަދި ކެމްޕޭންތަކުގައި މިއުޅުއްވާ ރިޔާސީ ކެންޑިޑޭޓުންވެސް މިކަން ހުއްޓުވާނޭ ގޮތުގެ ވާހަކައެއް ނުދައްކަވައެވެ. ވޯޓު ގެއްލިދާނޭތީ ވިދާޅުވަނީ ގޯތި ނާތުލާނޭ ވާހަކައެވެ.