އައްޑޫ ސިޓީ ބްރިޖް އެޅުން:

އަޅުގަނޑުގެ ވެރިކަމެއްގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއް އެއްފަސް ކުރުމުގެ ގޮތުން ހިތަދޫ އިން މީދޫއަށް ބްރިޖަކުން ގުޅާލާނަމެވެ. މިއީ އައްޑުގެ ރައްޔިތުންނަށް 2018 ވަނަ އަހަރު ރައީސް ޔާމިންވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އަޅުގަނޑުމެން ﷲ އިރާދަފުޅުކުރެއްވިއްޔާ އެ ވައުދު އައްޑު ރައްޔިތުންނަށް ފުރިހަމަކޮށްދޭނަމެވެ. މިބްރިޖަކީ މައިގަނޑުގޮތެއްގައި ހިތަދޫ ފަޅުތެރެއިން، ފަރު މަތިން، ބިން ހިއްކައިގެން އެޅޭނެ ބްރިޖެކެވެ. ކަނޑު ހުރަސްކޮށް ބްރިޖް އަޅަން ޖެހޭނީ ވަރަށް ކުޑަ ތަންކޮޅެއްގައެވެ. އެއީ ކަނޑިހެރައިގެ ދަފަރާތުން އޮތް ދެ ކަނޑުއޮޅި މަތިން އެކަންޏެވެ. ބްރިޖްގެ އަނެއްބަޔަކީ ހަޤީގަތުގައި ބްރިޖެއް ނޫނެވެ. އެއީ ބިން ހިއްކައިގެން އަޅާ ހައިވޭ އެކެވެ. މިގޮތުން މިބްރިޖް އަޅާނީ ބްރިޖްގެ ދަށުން ފެން ދައުރުވާ ގޮތަށް، ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް، އައްޑޫގެ އެތެރެވަރީގެ ރިސޯރޓްތަކަށް ތިމާވެށީގެ ގެއްލުމެއް ނުލިބޭ ގޮތަށް ދިރާސާކޮށް ބަލައިގެންނެވެ. މިފަދަ ބްރިޖެއްގެ ސަބަބުން މުޅި އައްޑޫ އެއްފަސްވެ، ރާއްޖޭގެ ދެކުނުގެ އިގްތިސޯދީ ހަބަކަށް އައްޑޫ ބަދަލުވެގެން ދާނެއެވެ. އިންޝާﷲ، އައްޑޫ ސިޓީގެ ރައްޔިތުން، އަދި ދިވެހި ރައްޔިތުން އަޅުގަނޑު ހޮވައިފިނަމަ 2027 ވަނަ އަހަރު ނިމުމުގެ ކުރީން އައްޑޫ ސިޓީ ބްރިޖް ހުޅުވައި އެބްރިޖްގެ ނަމަކަށް ރައީސް ޔާމިން ބްރިޖްގެ ނަން ދޭނަމަވެ.

އައްޑޫގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ހެދުން:

އައްޑޫ ބްރިޖްގެ މިމަޝްރޫއާއި އެކުއެކީގައި މީދޫ އާއި ހިތަދޫގެ ފަޅުން ބިން ހިއްކައިގެން ޓްރާންސްޝިޕްމެންޓް ކޮންޓެއިނަރ ބަނދަރެއް ހަދައި، މިގޮތުން ހިއްކާ ބިމުގައި ރިސޯރޓާއި ހޮޓެލް އަދި ގެސްޓް ހައުސް އާއި ތަފާތު ފެކްޓަރީ ތައް ހަދާނަމެވެ. މިގޮތުން ހެދޭ ފްކަޓަރީތަކުގެ ތެރޭގައި ނޫޑުލްސް، ބިސްކޯދު، ކުކިންގ އޮއިލް، ބާސްމަތީ ފަދަ އާއްމުކޮށް ބޭނުންކުރާ ޒާތުގެ ތަކެތި ރީޕެކް ކުރާ ނުވަތަ އުފައްދާ ފެކްޓަރީތައް (ޑުބާއީ ސްޓައިލަށް) މިތަނުގައި އުފައްދައި، ރާއްޖެއާއި ރާއްޖޭން ބޭރަށް އެތަންތަނުގެ އުފެއްދުންތައް ވިއްކޭނެއެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން، ބީލަމަށް ލައިގެން، އަމިއްލަ ފަރާތެއްލައްވާ ތަރައްޤީ ކުރެވިދާނެ މަޝްރޫއު ތަކެކެވެ. ދައުލަތުން މާބޮޑު ހަރަދެއް ނުގޮހެވެ.

ޓްރާންސްޝިޕްމެންޓް ބަނދަރާ އިންވެގެން ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ހިދުމަތްދެވޭ ފެންވަރުގެ ޑްރައިޑޮކިން ޔާޑަކާއި ތެޔޮ ބަންކަރިންގެ ޙިދުމަތް ދިނުން:

އައްޑޫ ސިޓީގެ ހިތަދޫއާއި މީދޫ ފަޅު ގުޅޭ ސަރަހައްދުގައި ބިންހިއްކައިގެން އަޅުގަނޑުމެން  ތަރައްޤީ ކުރާ ސަރަހައްދުގައި ހަދާ ކޮންޓެއިނަރ ބަނދަރު، ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނަދަރެއްގެ ގޮތުގައި ހިންގާނަމެވެ. އައްޑޫ މިއޮތް ސަރަހައްދަކީ ގިނައަދަދަކަށް ބައިނަލްއަޤްވާމީ ޔޮޓާއި، ކޮންޓެއިނަރ ބޯޓު ދަތުރުކުރާ ސަރަހައްދަކަށް ވުމުން މި ދެންނެވި ޓްރާންސްޝިޕްމެންޓް ބަނދަރާ އިންވެގެން ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ހިދުމަތްދެވޭ ފެންވަރުގެ ޑްރައިޑޮކިން ނުވަތަ ބޯޓު އެހެލައިގެން މަރާމާތު ކުރެވޭ ތަނަކާއި، ތެލުގެ ވިޔަފާރި ކުރާނެ، ތެޔޮ ބަންކަރިންގެ ޙިދުމަތް ވެސް އެތާގައި ތަރައްޤީ ކުރާނަމެވެ.

އައްޑޫ ގަން އެއާރޕޯރޓް ތަރައްޤީ ކުރުން:

އެއަރބަސް އޭ-380 ގެ ބިޔަ މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކޮށް، ކަނޑަށް ޖައްސާ މަތިންދާ ބޯޓުގެ (ސީޕްލޭން) ބޭސް އެއް ގަމުގައި ތަރައްޤީކޮށް، އައްޑޫސިޓީ އާއި ފުއައްމުލަކާއި ހުވަދޫގެ ރިސޯރޓްތައް  ސީޕްލޭން ވިއުގަ އަކުން އަޅުގަނޑުމެން ގުޅާލާނަމެވެ. މީގެ އިތުރުން ގަން އެއެއަރޕޯރޓްގައި ޒަމާނީ ފެންވަރުގެ އިންފްލައިޓް ކޭޓަރިންގެ ހިދުމަތްދޭނެ ތަނަކާއި، އެއަރޕޯރޓް ލައުންޖް ތަކާއި، ރެސްޓޯރެންޓް ތަކާއި، ޑިއުޓީ ފްރީ ފިހާރަތައް ހަދައި ދުވާލަކު މަދުވެގެން ބައިނަލްއަޤްވާމީ ޝެޑިއުލް ފަސް ފްލައިޓް ގަމަށް ޖެއްސޭވަރަށް އަޅުގަނޑު ގަން ތަރައްޤިކުރާނަމެވެ. މީގެ ބޭނުމަކީ ގެސްޓް ހައުސް އާއި ހޮޓެލް ހަދަން މިހާރު ދޫކޮށްފައި ހުރި ބިންތަކުގައި އުފެއްދޭ އެތައް ހާސް ޓޫރިސްޓް އެނދާއި، އައްޑޫގައި އަލަށް ހެދޭ ސިޓީ ހޮޓެލް ތަކާއި، އަލަށް ހުޅުވާ ރިސޯރޓްތައް ފުރޭނެ ވަރަށް އައްޑޫ ގަމަށް ޓޫރިސްޓުން ގެނައުމެވެ. 

ގަން އެއާރޕޯރޓްގައި އެއަރކްރާފްޓް އިންޖިނއަރިންގް އެންޑް ޕައިލެޓް ޓްރެއިނިންގް ކޮލެޖެއްތަރައްޤީ ކުރުން:

މިހާރު ގަމުގައި ހިންގަމުންދާ ފްލައިންގް ސްކޫލާއި އެމް.އެން.ޔޫ އާއި ގުޅިގެން، ޒަމާނީ ފެންވަރުގެ އެއަރކްރާފްޓް އިންޖިނއަރިންގް އެންޑް ޕައިލެޓް ޓްރެއިނިންގް ކޮލެޖެއް، ކެމްޕަސް އެކަމަޑޭޝަންއާއި އެކު، އަޅުގަނޑުގެ ވެރިކަމެއްގައި، ގަމުގައި ތަރައްޤީ ކުރާނަމެވެ.

ސިޓީ/އެއާރޕޯރޓް ހޮޓަލެއްގެ ގޮތުގައި ގަމުގެ ދޫގަސް ތަރައްޤީ ކުރުން:

ގަމުގައި ވީރާނާވާން ދޫކޮށްލާފައި  އޮތް ދޫގަސް ހޮޓާ މަރާމާތުކޮށް، ތިން ތަރީގެ ފެންވަރުގެ ސިޓީ/އެއާރޕޯރޓް ހޮޓަލެއްގެ ގޮތުގައި އަޅުގަނޑު ދޫގަސް ތަރައްޤީ ކުރާނަމެވެ. އަގުހެޔޮކޮށް ދަތުރުކުރާ "ބެކްޕެކާރސް" ފަތުރުވެރީންނަށާއި އެތެރޭގެ ލޯކަލް ޓޫރިޒަމަށް ޓާރގެޓްކޮށްގެން ތިން ތަރީގެ ހޮޓަލެއްގެ ގޮތުގައި ގަމުގެ ދޫގަސް ތަރައްޤީކޮށް، އެތަން "ގޭން ބެކްޕެކާރސް މެރިނާ ހޮޓެލް"، މި ތީމަށް ތަރައްޤީ ކުރާނަމެވެ.

ގަމުގައި ޔޮޓް މެރީނާއެއްގެ އިތުރުން، ބޮޑެތި ފަސިންޖަރު ލައިނަރ ގާތް ކުރެވޭ ވަރުގެ ކްރޫސް ޝިޕް ޓަރމިނަލެއް ހެދުން:

އަޅުގަނޑުގެ ވެރިކަމެއްގައި އައްޑޫ ސިޓީގެ ގަމުގައި ޔޮޓް މެރީނާއެއްގެ އިތުރުން، ބޮޑެތި ފަސިންޖަރު ލައިނަރ ގާތް ކުރެވޭ ވަރުގެ ކްރޫސް ޝިޕް ޓަރމިނަލެއް ހަދާނަމެވެ.

އައްޑޫ އަކީ މެދުފަންތީގެ ޓޫރިސްޓުންނަށް، އަގުހެޔޮ ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ސިޔާސަތެއް ކަނޑައެޅުން:

ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ފަތުރުވެރިކަމާއި ތަފާތު ކޮންސެޕްޓަކަށް އައްޑޫގެ ފަތުރުވެރިކަމުގެ މަންޒިލް މާކެޓް ކޮށް، ރީބްރޭންޑް ކުރުމުގެ ގޮތުން، އައްޑޫ އަކީ މެދުފަންތީގެ ޓޫރިސްޓުންނަށް އަގުހެޔޮ ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަރައްޤީ ކޮށް، ފަތުރުވެރީންގެ ވޮލިއުމް އިތުރު ކުރުމުގެ ސިޔާސަތެއް އަޅުގަނޑުމެން ކަނޑައަޅައި އިމްޕެލިމެންޓް ކުރާނަމެވެ. ހުރިހާ ޓޫރިޒަމަކީ ހަމައެކަނި ސްޕާއާއި ލަގްޒަރީ ޓޫރިޒަމެއް ނޫނެވެ. ވޮލިއުމް ނުވަތަ ބޯ އިތުރުކޮށް، މެދުފަންތީގެ އިގިރޭސި ޓޫރިސްޓުން އަދި ޔޫރަޕާއި އިންޑިއާގެ މާކެޓަށް ޓާގެޓް ކޮށް، އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތު ބައްޓަން ކޮށް މާކެޓް ކުރުމުން ބޮޑެތި ފައިދާ ތަކެއް އައްޑޫއަށާއި މުޅި ރާއްޖެ އަށް ކުރާނެއެވެ.

ޒަމާނީ، ފުރިހަމަ ސްޕޯރޓްސް އެރީނާ އެއް، އައްޑޫގައި ހެދުން:

އަޅުގަނޑުގެ ވެރިކަމެއްގައި، ޒަމާނީ، ފުރިހަމަ ސްޕޯރޓްސް އެރީނާ އެއް، އައްޑޫސިޓީގެ ހިތަދޫގައި، ތަރައްޤީކުރާނަމެވެ. މި ސްޕޯރޓްސް އެރީނާގައި ޒަމާނީ ފެންވަރުގެ އެތުލެޓިކްސް ޓްރެކަކާއި، ވޮލީ ކޯޓް، ބާސްކެޓް ކޯޓް، ޓެނިސް ކޯޓް ފަދަ ކޯޓް ތަކާއި، ފުޓްބޯޅަ ދަނޑު ފަދަ ދަނޑުތަކާއި، ޖިމް އާއި، ބޭރުގެ ފްޓްބޯޅަ ޓީމްތަކަށް ކޭމްޕް ކުރެވޭފަދަ އެކަމަޑޭޝަން އާއި ފެސިލިޓީސްތައް ހުންނާނެއެވެ. އަދި ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި "ސްވިމިންގ ޕޫލް ކޮމްޕްލެކްސް" އެއް ވެސް  މިތާގައި ހުންނާނެއެވެ.

އޯޕަން އެއާ އެންޓަރޓެއިންމެންޓް އެރީނާ އަކާއި ޒަމާނީ ސިނަމާއެއް އައްޑޫގައި ހެދުން:

އައްޑޫސީޓީގެ ފޭދޫގައި އޯޕަން އެއާ އެންޓަރޓެއިންމެންޓް އެރީނާ އަކާއި ޒަމާނީ ސިނަމާއެއް ހިމެނޭގޮތަށް މުނިފޫހިފިލުވުމުގެ ސްޓޭޑިއާއެއް ހަދާ، ބޭރުގެ ޝޯތައްވެސް އަދި މާލޭގެ ފަންނާނުންގެ ޝޯތައްވެސް މިތާގައި ބޭއްވޭގޮތަށް އަޅުގަނޑުމެން ތަރައްޤީ ކުރާނަމެވެ.

ސަރަހައްދީ ފެންވަރުގެ ޝޮޕިންގް މޯލްއެއް އައްޑޫގައި ހެދުން:

ކުރިން މިދެންނެވުނު އެންޓަރޓެއިންމެންޓް ސެންޓަރާ އިންވެގެން ސަރަހައްދީ ފެންވަރުގެ ޝޮޕިންގް މޯލްއެއް ވެސް ފޭދޫގައި އަޅުގަނޑުމެން ބިނާ ކުރާނަމެވެ. ބޭނުމަކީ ރާއްޖެ އާއި ރާއްޖޭން ބޭރުން، މުނިފޫހިފިލުވުމަށާއި ޝޮޕިންގް ޓޫރިޒަމަށް އައްޑޫއަށް ފަތުރުވެރިން ގެނައުމެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ތަރައްޤީގެ އާހަރުފަތަކަށް ގެންދިއުން:

ދިވެހިރާއްޖޭގެ، އަދި އައްޑޫގެ ސިއްޙީ ދާއިރާއަށް އަޅުގަނޑުމެންގެ ވެރިކަމެއްގައި އިންޤިލާބެއް ގެންނާނަމެވެ.  އެމް.އާރ.އައި އަދި ސީ.ޓީ.ސްކޭންގެ އިތުރުން ޕެޓް ސްކޭން ފަދަ ޒަމާނީ މުހިއްމު ހިދްމަތްތަކާއި، ޒަމާނީ ޑެންޓަލް ހިދުމަތާއި، ކެންސަރު ބައްޔާއި ކީޑްނީބަލި އަދި ޑައިބެޓިކްސްގެ އެންމެ ޒަމާނީ ފަރުވާ އާއި ހަމުގެ ޒަމާނީ ފަރުވާ ފަދަ ހިދުމަތްތައް ހިމެނޭގޮތަށް، ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި އެކު، ފުރިހަމަ ޓާރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަޅުގަނޑު ތަރައްޤީ ކުރާނަމެވެ. އެހޮސްޕިޓަލްގައި ޒަމާނީ ފެންވަރުގެ ޓްރޯމާ ސެންޓަރަކާއި، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ވަސީލަތްތަކާއި، ޕެރަމެޑިކްސް އާއި އެކު ޒަމާނީ އެމްބިއުލޭންސްގެ ހިދްމަތް ލިބެން ހުންނާނެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ވަށައިގެން އޮތް ކުޅިގެތެރޭގައި ހުރި ކުދި ރަށްރަށް ބްރިޖްތަކަކުން ގުޅާލައި އެކުދި ރަށްތަކުގައި ކެފޭފަދަ ތަންތަން ތަރައްގީކޮށް، ރޭގަނޑު ދިއްލިފައި ހުންނަގޮތަށް އެކުދި ރަށްތަކާއި ގަސްތަކުން މުޅި އެސަރަހައްދު ދިއްލާލައި، ވިޔަފާރިއާއި، ކޭންބުއިމާއި، ތަރައްޤީގެ ކާރޫބާރު ބޮޑު ސަރަހައްދަކަށް އެސަރަހައްދު ބަދަލު ކޮށްލާނަމަވެ.

ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހުރި އިމާރާއް ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރުން:

ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗް. އާރ.އެޗް) ޕްރައިވެޓައިޒްކޮށް އޭ.ޑީ.ކޭ ނުވަތަ ޓްރީޓޮޕް ފަދަ އަމިއްލަ ކުންފުންޏަކުން ހިންގާގޮތަށް އަޅުގަނޑުމެން އެތަން ދުކޮށްލާނަމެވެ. އޭގެ ސަބަބުން އައްޑޫ ސިޓީގެ ސިއްހީ ދާއިރާއަށް އިންޤިލާބެއް އައިސް، އައްޑޫ ސިޓީ އަކީ މެޑިކަލް ފަތުރުވެރިކަމުގެ ހަބަކަށް ބަދަލުވެގެން ދާނެއެވެ.

ހުޅުމީދޫގައި ދަޅުގައި މަސް ބަންދު ކުރާ ކާރުހާނާއެއް ހެދުން:

ހުޅުމީދޫގައި މިހާރު ހުރި މަސް ރައްކާކުރާ ފެސިލިޓީ، އަޅުގަނޑުމެންގެ ވެރިކަމެއްގައި، ތަރައްޤީ ކޮށް، އެތަނުގައި މަސް ކޭނިންގް ފެކްޓަރީ އެއް ހަަދައި، ރާއްޖެއާއި ރާއްޖެން ބޭރަށް ވިއްކާނެ ދަޅުމަސް ބަންދުކުރާ ތަނަކަށް އެތަން ހަދާނަމެވެ.

ވަކި މިންގަނޑެއްގެތެރޭ މިޔަރުގެ މަސްވެރިކަން ތައާރަފް ކުރުން:

ގިނަވަމުންދާ މިޔަރުގެ ސަބަބުން މަސްވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، މިޔަރަކީ ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަމުންވެސް މާލީ ފައިދާ ލިބޭ ވެސީލަތަކަށް ހެދުމުގެ ގޮތުން، ވަކި އިމެއްގެތެރޭގައި، މިޔަރުގެ މަސްވެރިކަން އަޅުގަނޑުމެން ތައާރަފްކުރާނަމެވެ.

އައްޑޫ ސިޓީގެ ނަން ސުވާދީބް ސިޓީ އަށް ބަދަލު:

އަޅުގަނޑުމެންގެ ވެރިކަމެއްގައި އައްޑޫ ސިޓީ ހުރިހާ ގޮތަކުން ރީބްރޭންޑް ކޮށް، ތަރައްޤީގެ އައު ސޮފްހާއެއް ފެށުމުގެ ގޮތުން، އައްޑޫ ސިޓީގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި އައްޑޫ ސިޓީގެ ނަން ސުވާދީބް ސިޓީ އަށް ބަދަލު ކުރަން ފެންނަނަމަ އެގޮތަށް އަޅުގަނޑުމެން ބަދަލުކޮށް އައްޑު ރީބްރޭންޑް ކޮށް، މާޔޫސްކަމުގެ މާޒީއަށް ނިމުމެއް ގެނެސް ތަރައްޤީގެ އައު ސޮފްހާތަކެއް ހުޅުވާލާނަމެވެ.

އައްޑޫގެ މަގުތައް ފިނިކޮށް ޕާކްތައް ތަރައްޤީ ކުރުން:

އައްޑޫގެ ބައެއް ހަނި މަގުތައް ވަންވޭ ކޮށް، ބައެއް ސަރަހައްދުތަކުގައި ސްޕީޑް ބްރޭކަރ ހަރުކޮށް، މަގުތަކުގައި ޓްރެފިކް ރޮނގު ދަމައި، ޕާކިންގް އޭރިއާތައް ވަކިކޮށް، މަގުތަކުގައި، ހިޔާލިބޭ ބޮޑެތި ގަސް އިންދައި، އައްޑޫ ސިޓީ ސްކޮޔާ މިހާރަށްވުރެ ފިނިކޮށް، ހިތްގައިމު ކޮށް، އައްޑޫ ސިޓީއަކީ ދިވެހި ރާއްޖޭގެ ބަގީޗާ ސިޓީއަށް ހެދުމަށް 2018 ވަނަ އަހަރުގެ އެމް.ޑީ.ޕީ ވައުދުނާމާގައި ލިޔެ މިސަރުކާރަށް އެކަން ނުވެ އޮތް އޮތުން ބަދަލު ކޮށް، އައްޑޫ އަކީ ހަޤީގަތުގައިވެސް ދިވެހި ރާއްޖޭގެ ބަގީޗާ ސިޓީ އަށް ހެދުމުގެ ސިޔާސަތު އަޅުގަނޑުމެން އިމްޕްލިމެންޓް ކުރާނަމެވެ.

އައްޑޫގެ ޕާރކް ތަކާއި ހުސް ބިންތަކުގައި އަނބު، ޖަންބު، ޖަނބުރޯލު، ސައްކެޔޮ، ބަނބުކެޔޮ، ފޭރު، އަންނާރު، ކުންނާރު، އަދި ދަނބު (ބެރީސް) ފަދަ ހިޔާދޭ މޭވާ ގަސް އިންދާނަމެވެ. އައްޑޫ އަކީ މުޅި ރާއްޖޭގެ ނިސްބަތުންވެސް ބިންގަނޑު ރަގަޅު، ހުސްބިން ގިނަ އަތޮޅެކެވެ. ހުރިހާ މަގެއްގައި ތާރު އަޅައި، މަގުތަކުގައި ހިޔާދޭ ބޮޑެތި ގަސް އިންދުމުގެ އިތުރުން ޕާރކް ތަކާއި ހުސް ބިންތަކުގައި ހިޔާދޭ މޭވާ ގަސް ހެއްދިއްޖެ ނަމަ އޭގެން ކައުންސިލަށާއި ރައްޔިތުންނަށް މާލީ ފައިދާ ތަކެއް ވެސް ކުރާނެއެވެ. އަދި ސިޓީގެ ތިމާވެށި ހިތްގައިމުވެފައި ފިނިވާނެއެވެ. ސިޓީގެ މައި މަގު ތަކުގެ ދެފަރާތުގައި، ދުވާރުމަތީގައި އަތުރާފައިވާ ބޮޑެތި ސިމެންތި މުށިތަކުގައި ބޯގަންވިލާ ގަސް އިންދައި "ބަގީޗާ ސިޓީ" ގެ ތީމަށް އައްޑޫ ތަރައްގީ ކުރާނަމެވެ. މިފަދަ އެތައް މުށިގަނޑު ތަކެއް ސިޓީ ކައުންސިލުން ގުދަން ކޮށްފައިވެސް އެބަހުއްޓެވެ. އެހެން ކަމުން އެމުށިތައް ނެރެ، މަގުތަކުގައި އަތުރާ، އެމުށިތަކުގައި ބޯގަންވިލާ ގަސް އިންދައި، ސިޓީގެ މާހައުލު އާރޯކޮށްލުމަކީ ވަރަށް ފަސޭހައިން، ހަރަދެއް ނުގޮސް ކުރެވިދާނެ ކަމެކެވެ.  މި މުށި ތަކުގައި ބޯގަންވިލާ ހައްދައި، ގަސްކާނާ އަޅައި، ރަނގަޅަށް ފެންދީގެން ބެލެހެއްޓިއްޖެނަމަ ސިޓީގެ މައިމަގުތަކުގެ އެއްކޮޅުން އަނެއް ކޮޅަށް ބޯގަންވިލާ ހެދިފައި ހުންނަ އިރު ނުހަނު ރީތިވާނެއެވެ.

އިސްލާމީ ޔުނިވާރސިޓީއެއް ހެދުން:

މިސަރުކާރުން މިހާރު ބިންގާ އަޅާފައިވާ އައްޑޫ/ހިތަދޫ އިސްލާމީ މަރުކަޒަކީ އެމަރުކަޒު ބިނާކުރަން ކަނޑައަޅާފައިވާ ސަރަހައްދާއި ވަރަށް ކައިރީގައި އެހެން 2 މިސްކިތެއް ހުރި ތަނަކަށް ވުމުން، މިހާރު ބިންގާ އަޅާފައިވާ އިސްލާމީ މަރުކަޒު، މޯލްޑިވްސް އިސްލާމިކް ޔުނިވާރސިޓީގެ ކެމްޕަސް އެއްކަމުގައި ކަނޑައަޅައި، އެތަނަކީ އިސްލާމީ ޔުނިވަރސިޓީއަކަށް ހަދައި، އައްޑޫ އަކީ އެޑިއުކޭޝަނަލް ޓޫރިޒަމްގެ ހަބަކަށް  އަޅުގަނޑުމެން ހެދާނަމެވެ. މިގޮތަށް އެތަން ބަދަލު ކުރުމާއި އެކު ހިތަދޫގައި މިހާރު ހުރި އެންމެ ޒަމާނީ، ބިޔަ މިސްކިތް ކަމުގައިވާ މަސްޖިދުލް އިބްރާހިމް އިތުރަށް ފުޅާކޮށް، އެތަނަކީ އައްޑޫ/ހިތަދޫ އިސްލާމީ މަރުކަޒުގެ ގޮތުގައި ބަދަލު ކުރެވޭނެއެވެ.

ދިހަބުރީގެ އޮފީސް ކޮމްޕެލެކްސް އެއް ހިތަދޫގައި ބިނާކުރުން:

ސަރުކާރުގެ ހުރިހާ އޮފީހެއް ހިމެނޭ ގޮތަށް، އެއް އިމާރާތަކުން، ފަސޭހަ ކަމާއި އެކު، އައްޑޫގެ ރައްޔިތުންނަށް ހިދުމަތް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ދިހަބުރީގެ އުސް އޮފީސް އިމާރާތެއް އައްޑޫ ސިޓީ ކައުންސިލާ އިންވެގެން އޮތް (ސްޓޭޓް ހައުސް ހުރި) ބިމުގައި ހަދައި އަޅުގަނޑުމެން ތަރައްޤީ ކުރާނަމެވެ.

ރުއްޖެހެރެ ސަރަހައްދު  ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީ ކުރުން:

އައްޑޫގެ ރުއްޖެހެރެ ސަރަހައްދުގެ ފުއްޓަރު ފަރާތު (ކަޅިބިއް) ބީޗް ސަރަހައްދު ދިވެހީންނަށް ހާއްސަ ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކޮށް، ބާބެކު އޭރިއާ، ޗޭންޖިންގް ރޫމް، ފާހާނާ، އޯޕަންއެއަރ ޝަވަރ، އަދި ކެފޭއެއްވެސް ހިމެނޭ ގޮތަށް އަޅުގަނޑުމެން ތަރައްޤީ ކުރާނަމެވެ. އަދި ހުޅުމީދޫ ސަރަހައްދުގައިވެސް ހަންކެޑެ ފަދަ ޕިކްނިކް-ބީޗް ސަރަހައްދެއް ތަރައްޤީ ކުރާނަމެވެ.

މަރަދޫ އާއި ހިތަދޫއާ ދެމެދު އެތަކެއް ދިވެހީން ނާއި، ވަޒީފާއަށްދާ މީހުންނާއި، ފަތުރުވެރީން ސައިކަލާއި، ކާރާއި، ޕިކަޕާއި، ލޮރީއާއި، ބަހާއި، ބައިސިކަލް ފަދަ ތަކެތީގައި ދަތުރު ކުރާއިރު އެފަރާތްތަކަށް ހިދުމަތް ދިނުމަށް މަރަދޫ އާއި ހިތަދޫއާ ދެމެދު ލިންކް ރޯޑުގައި ގާޑިޔާ-ކެފޭ، ފާހާނާ، ރެސްޓް އޭރިއާ އާއި ފިނިމައިޒާން ހިމެނޭ ގޮތަށް ހިއްފަސޭހަ ސަރަހައްދެއް ހަދާނަމެވެ.

ސިޓީގެ ހުރިހާ ރަށެއްކަމުގައިވާ ހިތަދޫ، މަރަދު-ފޭދޫ އަދި ހުޅުމީދޫގެ ކަޅިބިއް ފަރާތު ބީޗު ދެމެހެއްޓެނިވި ގޮތެއްގައި ސާފުކޮށް ބޭއްވޭނެ އިންތިޒާމެއް، ކައުންސިލާ ސަރުކާރާ ގުޅިގެން ހަމަޖައްސައި، ކަޅިބިއްފަރާތުން ގެސްޓް ހައުސް ހަދަން މިހާރު ދޫކޮށްފައި ހުރި ބިންތަކުގައި ގެސްޓް ހައުސް އެޅުން އަވަސް ކުރުވާނަމެވެ. އަދި، ދިވެހީންނަށް ކަޅިބިއްފަރާތު ބީޗު ބޭނުންކުރެވޭނެ ގޮތް ފަހިކޮށްދީ، ކަޅިބިތުގެ އެކި ހިސާބުތަކުގައި ފިނި މައިޒާން ހަދާ، ގާޑިޔާތަކުގެ ވިޔަފާރި ކަޅިބިތަށް ތައާރަފް ކޮށް، ހިދުމަތްތައް ލިބޭނެ ގޮތްހަދާނަމެވެ. ބޭނުމަކީ އެސަރަހައްދުތަކުގައި މިހާރު އޮންނަ ފަޅުކަން ކަނޑުވާލައި، ރޭގަނޑު ވެސް އަދި ދުވާލު ގަޑީގައި ވެސް މީހުން ގިނަ، މުނި ފޫހި ފިލުވޭ، ލުއި ވިޔަފާރިތައް ހިނގާ ސަރަހައްދު ތަކަކަށް އައްޑޫގެ ރަށްރަށުގެ ކަޅިބިއްތައް ހެދުމެވެ. އަދި ހިތަދޫ، މަރަދޫ، ފޭދު އަދި ހުޅުމީދޫގަވެސް ކަޅިބިއްފަރާތު މޫދުގައި ޑެކް ޖަހައިގެން "ސަންސެޓް" ރެސްޓޯރެންޓް ހަދާނަމެވެ.

ރާއްޖޭގެ ފުރަތަމަ "ދިވެހި ރިސޯރޓް" އައްޑޫގައި ހެދުން:

ލޯކަލް ޓޫރިޒަމަށް ޓާރގެޓްކޮށް، ހާއްސަކޮށް އައްޑޫގެ ރައްޔިތުން، އަދި އާއްމުކޮށް ދިވެހި ހުރިހާ ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް، "ދިވެހި ރިސޯރޓެއް" އައްޑޫގައި ތަރައްޤީ ކުރާނަމެވެ. އެދިވެހި ރިސޯރޓް ވާނީ ދިވެހީންނާއި ބިދޭސީ ވޯރކްޕާރމިޓް ހޯލްޑަރުންނަށް ޗުއްޓީ ހޭދަ ކުރެވޭ ގޮތަށް އައްޑޫސިޓީ ގައި ދެތަރީގެ ފެންވަރަށް ހަދާ 50 ކޮޓަރީގެ "ދިވެހި ރިސޯރޓް" އަކަށެވެ. އެތަނުގައި ކެފޭ އަކާއި ރެސްޓޯރެންޓެއް، އަދި ވޯޓަރ ސްޕޯރޓްސް އާއި ޑައިވިންގް ސެންޓަރެއްވެސް ހުންނާނެއެވެ.

މާހެރެ، ކޯހެރެ، ދީރޮނޑި ފަދަ، ހިތަދޫ ފަޅުތެރޭގައިވާ ރަށްތަކުންމާލީ ފައިދާ ހެދުން:

މާހެރެ، ކޯހެރެ، ދީރޮނޑި ފަދަ، ހިތަދޫ ފަޅުތެރޭގައިވާ ރަށްރަށް ލަކުޑި ފާލަންތަކަކުން ގުޅާލާ، ބެޓެރިން އޮޕަރޭޓްކުރާ ބަގީ ކާރުގައި އެރަށްތަކުގެ ދެމެދު ދަތުރުކުރެވޭގޮތަށް ހަދައި އެރަށްތަކަކީ އާދަޔާ ހިލާފް ތަފާތު ގެސްޓް ހައުސް ސަރަހައްދެއްގެ ގޮތުގައި އަޅުގަނޑު ތަރައްޤި ކުރާނަމެވެ. އައްޑޫ އަކީ ޔުނެސްކޯގެ ގުދުރަތީ ތަރިކައެކޭ ކިޔައިގެން ކަކުންޏާއި މޫދުވިނަ ހިމާޔަތް ކުރަން ދޫކޮށްލައިގެން، އައްޑޫ ރައްޔިތުން ތަރައްޤީއިން މަހްރޫމްކޮށްގެން އަލުގަނޑެއް ނުހުންނާނަމެވެ.

އައްޑޫ ސިޓީގެ އަމަން ބެލެހެއްޓޭ އަދަދަށް ފުލުހުން އައްޑޫ އަށް ގެނައުން:

އައްޑޫ ސިޓީގެ އަމަން ބެލެހެއްޓޭ އަދަދަށް ފުލުހުން އައްޑޫ އަށް އަޅުގަނޑުމެންގެ ވެރިކަމެއގައި ގެންނާނަމެވެ. އައްޑޫގައި ފުލުހުން ޕެޓްރޯލް ކުރާ ވެހިކަލް ތަކުގެ އަދަދު އިތުރުކޮށް، ހުރިހާ މަގެއްގައި މަގު ބައްތި ޖަހައި، ޕެޓްރޯލް ކުރުން ގިނަކޮށް، ހިތަދޫގެ ކަޅިބިއް ސަރަހައްދަކީ ޕާޓޭއިންގެ އައްޑާ ތަކެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޒުވާނުން ރީހެބިލިޓޭޓްކޮށް، މަސައްކަތަށާއި ތައުލީމީ ދާއިރާއަށް ނެރެ، އެންމެން ގުޅިގެން، އަމާންކަމާއި އެކު އައްޑުވެސް އަދި މުޅި ރާއްޖެވެސް ތަރައްޤީކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަމެވެ.