ޕްރޮގްރެސިވް ކޯލިޝަނުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑރ. މުޙައްމަދު މުޢިއްޒަކީ، ކުރީގެ ރައީސް ޔާމީންގެ "ސިޔާސީ މަދަރުސާ"އިން ދަސްވެނިވި، އެންމެ ޢިލްމުވެރި އަދި އެންމެ ގާބިލް އެއް ބޭފުޅާކަމަށް، ރައީސް ޔާމީންގެ ކުރީގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ޔާމީންގެ ސިޔާސީ ވިސްނުންފުޅާއި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑޮކްޓަރ ޝަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ ކަންކަމުގެ ފުރިހަމަ ތަސައްވުރަކާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، އޭގެ ނަތީޖާވެސް އެހާ ރަނގަޅު ކަމަށެވެ. އެގޮތުން، ދިވެހީންނަށް ހައްޖާއި ޢުމްރާއަށް ވިސާ ހޯދުމަށް ހުރި ދަތިތައް ފިއްލަވައިލެއްވީ، ފަސޭހަކަމާއެކު ކަމަށާއި، ސައުދީ ރަސްގެފާނަށް އެކަން ސީދާ ރައީސް ޔާމީން ހުށަހަޅުއްވައިގެން ފުރިހަމަކޮށްދެއްވި ކަމަށެވެ.

މިހާރުގެ ސަރކާރަށް އިޝާރަތްކުރައްވައި، ޑރ. ޝަހީމް ވިދާޅުވީ، "ވެރިކަމަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭން އުޅޭނަމަ އެކަންކަންވާނޭ. ކަންކަން ނުކުރެވި ލަސްވެގެން މިދަނީ ކަންކަން ކުރުމުގެ ވިސްނުމާއި ތަސައްވުރު އެއުރެންގެ ކިނބައިގައި ނެތުމުންނޭ،" ކަމަށެވެ.

އެގޮތުން، މިފަހަރު ވެރިކަމަށް ކުރިމަތި ލައްވާފައި ތިބި ބޭފުޅުންގެ ތެރޭން، ޑރ. މުޢިއްޒަކީ، ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ޔާމީންގެ ސިޔާސީ މަދަރުސާއިން ކިޔަވާވިދާޅުވެގެން ހުންނެވި، އަދި ރައީސް ޔާމީންގެ ތަޞައްވުރުވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ބޭފުޅާ ކަމަށެވެ.