ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރާކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ 2018 ވަނަ އަހަރުގެ ރަނިންގމޭޓް، ޑރ. ޝަހީމްކުރެއްވި އެކްސް (ޓްވީޓް)އެއްގައި ވިދާޅުވީ، " 2023 ރިޔާސީ އިންތިޚާބުގައި އަޅުގަނޑުގެ އެކުވެރި ޑރ. މުޙައްމަދު މުޢިއްޒަށް ތާއިދުކުރަން އަޅުގަނޑު ނިންމައިފިން. މިކަމުގެ ތަފްޞީލުތައް ފަހުން ހާމަކުރާނަން،" ކަމަށެވެ.

އަދި ކުރީން އަދާލަތު ޕާޓީގެ ސްލޮޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާ ތަމްސީލްކުރެއްވުމަށް ފަހު 2021 ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގެން އަނާރާ ކުރެއްވި އެކްސްއެއް (ޓްވީޓެއް)ގައި ވިދާޅުވީ، " އަޅުގަނޑުގެ ތާއީދު ޑރ. މުޢިއްޒުއަށް... ދިވެހީންނަށްފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތްކުރައްވާނެކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި. އެންމެންގެ ވޯޓު ކެންޑިޑޭޓް ނަންބަރ 4،" އަށް ކަމަށެވެ.