ވޭތުވެ ދިޔަ 5 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް އަދި އޭގެ ކުރީންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވަމުން އައި މަސައްކަތަކީ ޓްރާންސެކްޝަނަލް މަސައްކަތްތަކެއް ކަމަށާއި، އެގޮތުން މީހުން ގަނެއްވިއްކުމުގެ މުޢާމަލާތްކޮށްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭނޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ޖަސްލާގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، "ރައީސް ސޯލިހު މިދިޔަ 5 އަހަރުވެސް އަދި އޭގެ ކުރީގައިވެސް އެބޭފުޅާގެ ސިޔާސީ މަސައްކަތް ހިންގަވަނީ، އަޅުގަނޑަށް ފާހަގަވާ ގޮތުގައި ޓްރާންސެކްޝަނަލް މަސައްކަތް. އެއީ މުއާމަލާތެއް ހިންގުން،" ކަމަށެވެ.

ރައީސް އިބްރާހީމަށް އިޝާރަތްކުރައްވައި ނަޝީދު ވިދާޅުވީ، "އާންމު ގޮތެއްގައި ސިޔާސީ މީހަކު ކުރާން ޖެހޭ މަސައްކަތަކީ، ފިކުރެއް ޚިޔާލެއް ގޮތެއް އުސޫލެއް، މީހުންގެ ތެރޭގައި ތައާރަފްކުރުމަށް މަސައްކަތްކުރުން. މީހުންގެ މަގުބޫލުކަމާ ރުހުން މި އުސޫލެއްގެ ވާހަކަ ދައްކައިގެން ގޮތެއްގެ ވާހަކަދައްކައިގެން، މީހުންގެ މަގުބޫލުކަން ހޯދުމަށް މަސައްކަތްކުރުން،" ކަމަށެވެ.

އެގޮތުން "ފަރުދީ ތަނަވަސްކަން މީހުންނަށް ހޯދައިދިނުމަށް މަސައްކަތްކުރުން. ޢަބުރުވެރި ޙަޔާތެއް މީހުންނަށް ހޯދައި ދިނުމަށް، އެކަންކަން ކުރެވޭނޭ ސިޔާސާތުތަކެއް ރައްޔިތުންނަށް ހުށަހަޅައި، އެއަށް ތާޢީދު ހޯދުން،" ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ރައީސް ސޯލިހު އޭގެ ބަދަލުގައި ކުރައްވާ ކަމަކީ، އޭނަ ހޯދާފައި އޭނަ ގަތުން،" ކަމަށެވެ.

"މީހަކު މި ހޯއްދަވަނީ. އެބޭފުޅާ ލަފާކުރައްވަނީ، އެމީހާގެ ފަހަތުގައި ބައިވަރު މީހުންތަކެއް އެބަ ވެއޭ. އެހެންވީމާ މި ހިތަށް ވަންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެބަ ނަމަޔޭ މިތައްހާސް ވޯޓު، ތިމަންނަ އެ މެންބަރު ގަންފިއްޔާ. ތިމަންނައަށް އެ މެންބަރުގެ ފަރާތުން ތާޢީދެއް ލިބުން އެކަށީގެން ވާކަމަށް، މި ދެކިވަޑައިގަންނަވަނީ،" ވަރަށް ބޮޑަށް ރައީސް އިބްރާހީމަށް ފާޑު ވިދާޅުވެ އެމަނިކުފާނުގެ ޒަމާންވީ ރަހްމަތްތެރިޔާ، އަދި މިހާރު ސިޔާސީ ވާދަވެރިޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާން ޖެހޭނެ، ތީގެން އެއްވެސް މެންބަރެއް ގެންދަވައިފި ނަމަ ހަމަ އެގެންދެވެނީ ވަކި ފަރުދެއް. ހަމައެކަނި އެބޭފުޅާ. އޭނާގެ ޢާއިލާގެ ވޯޓާ ދޭތެރޭގައިވެސް ޝައްކު އުފެދޭ،" ކަމަށެވެ.

ރައީސް އިބްރާހީމް ކުރައްވަމުން ގެންދަވާ މަސައްކަތަކީ، "ސީދާ ވަކި މީހުންކޮޅެއް ގެންގޮސް އެބޭފުޅާގެ ކައިރިއަށް ބޮޑު ޚަރަދު ދީގެން،" އަރިހަށް ގެންދެވުން ކަމަށާއި އަދި އެކަންކަން ވަރަށް ކުލަގަދަކޮށް ފާހަގަވެސް ކުރައްވާ ކަމަށެވެ.

"އެބޭފުޅުން ވަރަށް ބާރަށް އަތްޖައްސަވާވެސް ހައްދަވާ އެބާވަތުގެ ކަންކަން ކުރައްވާފައި، އަދި ވަރަށް ބޮޑަށް ނަށާވެސް ހައްދަވާ އެކަހަލަ ކަންކަމާ ގުޅިގެން،" އެމްޑީޕީގެ ކުރީގެ ލީޑަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، "އަޅުގަނޑަށް ފެންނަ ފެނުމުގައި މީގެން ހައްތަހާވެސް މިބޭފުޅުންނަށް ލިބިގެން ދަނީ ނާކާމިޔާބު،" ކަމަށެވެ.

"ރިޝްވަތުން ހޯދޭނެ ތާޢީދެއް ކާމިޔާބެއް އެއްވެސް ގައުމެއްގައެއް، އެއްވެސް މުޖްތަމައެއްގެ ތެރޭގައެއް ނުވާނެ،" ކަމަށާއި "ރަނގަޅު ޢަމަލަކުން ނޫން ގޮތަކަށް ރަނގަޅު ނަތީޖާއެއް ނުހޯދޭނެ. ވައްކަމާ ޚިޔާނާތާ ފަސާދަޔާ ބާވަތުގެ ކަންކަމުން އަނެއްކާވެސް އުފެދިގެން ދާނީ، އިތުރު ފަސާދަޔާ އިތުރު ޚިޔާނާތާ، އިތުރު ނުލަފާކަން،" ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.    

މެންބަރުން ގަނެވިއްކުމުގެ ވިޔަފާރިއާ ގުޅޭ ގޮތުން ރައީސް ނަޝިދު ވާހަކަފުޅު ދައްކަވާފައި މިވަނީ، ޑިމޮކްރެޓުންގެ ވަރަށް ހަރަކާތްތެރި ދެ މަޖިލިސް މެންބަރަކު ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ތިއްބަވާފައި ކުއްލިގޮތަކަށް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތްފަހުންނެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފާއި އއ. ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިއާންއެވެ. މި ދެމެންބަރުންވެސް ދާދި ފަހަކާ ޖެހެންދެންވެސް ވަނީ ވަރަށް ބޮޑަށް ރައީސް އިބްރާހީމަށް ކޮރަޕްޝަނާ ފަސާދައިގެ ތުހުމަތުތައްކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.