ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ރާއްޖޭގެ އެންމެ ހަގު ސިޔާސީ ޕާޓީ ކަމަށްވާ، ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ކެމްޕޭނަށް ބޭނުންވާ ފައިސާ ހޯދުމަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ، " ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓު ގޮތުގައި އަޅުގަނޑު ކުރިމަތިލައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް މިކުރާ ކެމްޕޭނަށް ފައިސާގެ އެހީތެރިކަން ވެދެއްވުން އެދެން" ކަމަށެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓަކީ، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރޫ މުޙައްމަދު ރަޝާދެވެ.

ޑިމޮކްރެޓުން ވަނީ، އެ ޕާޓީގެ ކެމްޕޭން ހަރަކާތްތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް، ފައިސާ ޖަމާކުރުމަށް އެކައުންޓް ނަމްބަރުތަކެއްވެސް ދީފައެވެ.

ދަ ޑިމޮކްރެޓްސްގެ އެކައުންޓް ނަންބަރ:

ރުފިޔާ: 7730000579423

ޑޮލަރު: 7730000579424

އިލްޔާސް ލަބީބްގެ އެކައުންޓް ނަންބަރު:

ރުފިޔާ: 7730000576141

ޑިމޮކްރެޓުން ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ކެމްޕޭނަށް ފޯރުކޮށްދިނުމަށް އެދިފައި

 

ދަ ޑިމޮކްރެޓްސްއަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ފިކުރު ތަފާތުވެ، "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީން ވަކިވި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދި ސިޔާސީ ޕާޓިއެކެވެ. އަދި ފަހުން ރައީސް ނަޝީދުވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ރައީސް ނަޝީދަށް ތާޢީދުކުރައްވާ މެންބަރުންތަކެއްވެސް އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް އުފެއްދުމުގައި ހަރަކާތްތެރިވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބާށް ކުޑަތަންވެފައި ވަނިކޮށް، ޑިމޮކްރެޓުންގެ ދެ މަޖިލިސް މެންބަރަކުވަނީ، ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ތިއްބަވާފައި ކުއްލިގޮތަކަށް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފާއި އއ. ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިއާންއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ރައީސް އިބްރާހީމް ގެންދަވަނީ ލަދެއް ބިރެއް ނެތި ދައުލަތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި ބަހަމުން ކަމަށާއި އަދި އެކަމުގެ ސަބަބުން ރައީސް ފަޟީޙަތްވުން ނޫން ކަމެއް ނޯންނާނޭ ކަމަށް ވިދާޅުވެފައެވެ.