ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އަމާޒުކުރައްވައި، އެތަކެއް ފަހަރު "ޗޯރުއިބްރޭ"އޭ ގޮވައި، އަދި ވަރަށް ބޮޑަށް ރައީސަށާއި އަދި ސަރުކާރަށް ފާޑުކިޔުއްވަމުން ގެންދެވި ދަ ޑިމޮކްރެޓްސްގެ އއ. ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިއާން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފިއެވެ.

ޝިއާން އަކީ، އެމްޑީޕީގެ ޓިކެޓެއްގައި މަޖިލީހަށް އިންތިޚާބުވި މެންބަރެކެވެ. ނަމަބެސް، އެމްޑީޕީ ދެފަޅިވެ، އަލަށް އުފެދުނު ދަ ޑިމޮކްރެޓްސް އުފެއްދުމުގައި ހަރަކާތްތެރިވި 12 މެންބަރުންގެ ތެރޭގައި ޝިއާން ހިމެނިވަޑައިގަންނަވައެވެ.

ޝިއާނަކީ، ރައީސް ނަޝީދާވެސް ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު، ދާދި ފަހަކާ ޖެހެންދެންވެސް އޭނާ ގެންދެވީ ރައީސް އިބްރާހީމަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ފަހު ޝިއާން ވިދާޅުވީ، "ދާއިރާއާ މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް އަޅުގަނޑުގެ ވިސްނުން ބަދަލުކޮށް، އެމްޑީޕީއާ އަލުން ގުޅިއްޖައިން،" ކަމަށެވެ.

މީގެ އިތުރުން "ތޮއްޑޫ ދާއިރާގެ ސާފު ބޮޑު އަޣްލަބިއްޔަތާއެކު ރައީސް އިބްރާހީމް މި އިންތިޚާބު އެއްބުރުން ކާމިޔާބުކުރައްވާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއާންއަކީ މިފަހަކަށް އައިސް އެމްޑީޕީން ވަކިވެ، އަލުން "އުނބައްޖެއްސެވި" ދެ މެންބަރުންގެ ތެރޭން އެއް މެންބަރެވެ. މީގެ ކުރީން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފުވެސް ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ރައީސް އިބްރާހީމް ގެންދަވަނީ ލަދެއް ބިރެއް ނެތި ދައުލަތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި ބަހަމުން ކަމަށާއި އަދި އެކަމުގެ ސަބަބުން ރައީސް ފަޟީޙަތްވުން ނޫން ކަމެއް ނޯންނާނޭ ކަމަށް ވިދާޅުވެފައެވެ.