މިހާރު އޮތް ކޯލިޝަން ސަރުކާރުގެ މައި ޕާޓީކަމަށްވާ އެމްޑީޕީ ދެފަޅިވެ، އަލަށް އުފެދުނު ދަ ޑިމޮކްރެޓްސްއަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 4 ވަނައަށްވެސް ލައްވައިލާނެކަމުގެ ޔަގީންކަމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެވެ.

ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް އިންތިޚާބު ވުމަށް، ކުރައްވާ ކެމްޕޭން ތެރޭން، އެމަނިކުފާނުގެ "އިގްތިސޯދީ ބޮޑު ބަދަލު" މެނިފެސްޓޯ ޢިއުލާނުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ރައީސް ނަޝީދަށާއި ދަ ޑިމޮކްރެޓުންނަށް އަމާޒުކުރައްވައި، އެހެނަސް ވަކި ފަރާތެއްގެ ނަން ވިދާޅުނުވެ، ރައީސް ވިދާޅުވީ، "އަޅުގަނޑުމެންގެ ތެރެއިން ނިކުމެގެން އެ ވާދަކުރައްވާ ބޭފުޅުންނާ ދޭތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި މީހުންގެ ވިސްނުން ހުރި ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ،" ކަމަށެވެ.

"1، 2، 3، މިހިސާބަށް ވެސް އަޅުގަނޑުމެން އަދި ކިޔާނެ ކަމެއް ނެތް. މިއިން ހިސާބަކަށް ވެސް އަޅުގަނޑު ހިތެއް ނުބުނޭ އަދިއެއް އެ ބޭފުޅުންނަކަށް މިފަހަރަކު އާދެވޭނެ ކަމަށް،" ޑިމޮކްރެޓުންގެ ނަން ނުގެންނަވައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާޙީމް މިހެން ވިދާޅުވާއިރު، މިފަހަކަށް އައިސް، ރައީސް ނަޝީދުގެ ފިކުރަށް ތާޢީދުކުރާ އެތަކެއް ހާސް މެންބަރުން ދަނީ އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްއާ ގުޅެމުންނެވެ. އަދި އެމްޑީޕީގެ އަދުގެ ސިޔާސަތުތައް ކަމު ނުދާކަމަށްބުނެ، އެތަކެއް ސަތޭކަ މެންބަރުން ދަނީ އެހެން ޕާޓީތަކާވެސް ގުޅެމުންނެވެ.

އެމްޑީޕީންވެސް ދަނީ، އެޕާޓީއާ އަލަށް ގިނަ މެންބަރުންތަކެއް ގުޅެމުންދާކަން ފާހަގަކުރަމުންނެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތްކުރާ އެ ޕާޓީގެ ބައެއް ޢާންމު މެންބަރުން ލަފާކުރާ ގޮތުން، މިހާރުވެސް އެޕާޓީއާ ގުޅިފައިވާ އަދި އިލެކްޝަނަށް ފޯމު ހުށަހެޅިފައި ނުވާ އާބާދީ 20 ހާހުން މަތިވާނެއެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު 25 ނުވަތަ 30 ހާހާ ގާތްކުރާނެއެވެ.

މިހިނގާ އޯގަސްޓް މަހުގެ 7 ވަނަ ދުވަހާ ހަމައަށް އިލެކްޝަން ކޮމިޝަނުގައިވާ ދަ ޑިމޮކްރެޓްސްގެ ދަފްތަރުގައި ފެންނާން އޮތީ، 3280 މެންބަރުންކަމަށެވެ. އަދި މިއަހަރުގެ ފެބްރުއަރީ 21ގެ ނިޔަލަށް އެމްޑީޕީގައި ތިބިކަމަށް އީސީގެ ދަފްތަރުން ދައްކަނީ 57660 މެންބަރުންނެވެ.

ރައީސް ނަޝީދު މީގެ ކުރީން ވިދާޅުވެފައި ވަނީ، އެމްޑީޕީ ރޫޅައިލައްވާނޭ ކަމަށާއި، އަދި އެ ޕާޓީ ދެބައިވީ އިރު، ބޮޑު ފަޅި އޮތީ އެމަނިކުފާނާ އެކުކަމަށެވެ.