ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދޭއިރު، "މާލިއްޔަތު ކަޅާކޮށްލައި"، ދައުލަތް ދަރަނިވެރިކޮށްލައިގެން ތިބި ބަޔަކަށް ވޯޓު ނުދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އިލްތިމާސްކުރައްވައިފިއެވެ.

ނ. ހޮޅުދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އަދި އިދިކޮޅު އެހެންރިޔާސީ ކެންޑިޑޭޓުންނަށްވެސް އިޝާރަތްކުރައްވައި ގާސިމް ވިދާޅުވީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ރައްޔިތުން ވޯޓު ދިނުމުގައި ބަލަނީ "ޓްރެކް ރެކޯޑް" އެންމެ ރަނގަޅު ކެންޑިޑޭޓަށް ކަމަށާއި، އެގޮތުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންވެސް އެގޮތަށް ބަލާފައި ވޯޓު ދިނުމަށް އެދޭކަމަށެވެ.

"އެހެންވީމާ ތިބޭފުޅުން ތިބޭފުޅުންގެ މާލިއްޔަތުން ކަޅާކޮށްލާ މީހާތޯ ވެރިކަމަށް ގެންނާން ބޭނުންވަނީ، ނުވަތަ އެފަދަ ޓްރެކް ރެކޯޑެއް ގާއިމުކުރަމުން އަންނަ ޕާޓީއަކުން ނެރެފައި ހުންނަ ކެންޑިޑޭޓަކުތޯ...އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް. ވަރިހަމަ މުޢިއްޒުކަމަށް ވިޔަސް، ވަރިހަމަ އިބޫ ކަމަށްވިޔަސް ވަރިހަމަ އެހެން މީހެއްކަމަށް ވިޔަސް އަޅުގަނޑަށް ވަރިހަމަ ކޮންމެ މީހެއްކަމަށް ވިޔަސް. ރައްޔިތުން ވިސްނާވަޑައިގަންނަވާށޭ އަޅުގަނޑު މި ދަންނަވަނީ،" ފިސާރި ޖޯޝާއެކު ސަޕޯޓަރުންނާ މުޙާތަބުކުރައްވައި، ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "ވިސްނާވަޑައިގެންފައި، ދުނިޔޭގެ އެހެންވެސް ތަންތާނގައި ތަރައްގީވެފައިވާ ގައުމުތަކުގައި އެމީހެއްގެ ޓްރެކް ރެކޯޑް ތާހިރުކޮށް އެންމެ ރަނގަޅަށް ކަންތައް ކުރާ މީހާއަށް ވެރިކަމަށް ވޯޓުލަނީ އަބަދުވެސް. ވޯޓުއަޅާ ފުރާލަނީ އެގޮތަށް،" ކަމަށެވެ.

ފެނަކައާ ސްޓެލްކޯއާ އަދި އެނޫންވެސް ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ކޭމްޕޭނަށް ބޭނުންކޮށް، ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ކުންފުނިތަކުގައި، ދާއިމީގޮތެއްގައި ކުރިއަށް ނުގެންދެވޭނޭ ފަދަ ވަޒީފާތަކެއް އުފައްދައިގެން ރައްޔިތުންނަށް އޮޅުވާލައި މަކަރު ހަދަމުންދާ ކަމަށްވެސް ގާސިމް ތުހުމަތު ކުރެއްވިއެވެ.