ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުނު ކަމުގައިވީ ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ނުކުރާނޭ ކަމަށާއި، އެއީ ސިޔާސީ ގޮތުން އަމިއްލައަށް މަރުވުންފަދަ ކަމެއްގެ ގޮތުގައި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ސިފަކުރައްވައިފިއެވެ.

ރައީސް ޔާމީނު މިނިވަންކުރުމަކީ، ޑރ. މުޢިއްޒުގެ އެންމެ ބޮޑު އެއް ވަޢުދެވެ. އޭނާއަށް ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްކަން ލިބުމާއެކު އެންމެ ފުރަތަމަވެސް ވެވަޑައިގެންނެވި އެއް ވަޢުދަކީ، ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކުރެއްވުމުގެ ވަޢުދެވެ.

މާރިޔާ ވިދާޅުވީ، ރައީސް ޔާމީން މިނިވަންވެއްޖެ ނަމަ، ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައި، މުޢިއްޒު މިހާރު ހުންނެވި ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުދެއްވާނޭ ކަމަށެވެ. އޭރުން ވާނެގޮތަކީ، ކުރީން އެމްޑީޕީގެ ވެރިކަމުގައި ޑރ. ވަހީދަށްވީ ވަރުކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ތަރުޖަމާނަށް ވިދާޅުވާން ކެރިވަޑައި ނުގަތް ވާހަކައަކީ، އެމްޑީޕީ ރޫޅާލައްވައި، ކުރީގެ ރައީސް ނަޝީދު އާ ސިޔާސީ ޕާޓީއެއް ހެއްދެވި ގޮތަށް ރައީސް ޔާމީންވެސް މުޢިއްޒު ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށެވެ. އަދި މަޖިލީސް ތެރޭގައި ސަރުކާރުން ބޭނުންހާ ކަމެއް ކުރަން ފުރުސަތު ނުލިބޭނޭ ވާހަކައެވެ.

މާރިޔާ ވިދާޅުވީ، މުއިއްޒު ޔާމީނު ޖަލުން ބޭރުކުރުމަކީ އޭނާ އަމިއްލައަށް މަރުވުންފަދަ ކަމެއް ކަމަށާއި، " އެހެންވީމަ ސިޔާސީ ގޮތުން އޭނަ އަމިއްލައަކަށް ސުއިސައިޑެއް ނުކުރާނެ" ކަމަށެވެ.

ޢާންމު ގިނަ ރައްޔިތުން އަސްލު ނިއުސްއަށް މައުލޫމާތު ދޭ ގޮތުން، ރިޔާސީ ކެމްޕޭނުގެ "ފަހުތަޅާލުންގަނޑު" ގާތްވަމުން އަންނައިރު، ރައީސް އިބްރާހީމާއި އެމަނިކުފާނުގެ ކެމްޕޭން ޓީމަށްވެސް އެންމެ ގިނައިން ދެއްކޭ އެއް ވާހަކައަކީ، މުޢިއްޒު ހޮވިއްޖިއްޔާ ރައީސް ޔާމީން މިނިވަން ނުކުރާނޭ ވާހަކައެވެ. އެފަރާތްތަކުން ހާމަކުރާ ގޮތުގައި، މިއީ ފަހަރެއްގައި ޑރ. މުޢިއްޒު ހޮވިދާނޭކަމަށް އެބޭފުޅުންގެ ހިސާބުތަކުން މާބޮޑަށް ދައްކަނީ ކަމަށްވެސް ވެދާނެއެވެ.