ރިޔާސީ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވީއެވެ. މިފަހަރުގެ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބީ ވަޢުދުތަކުން މުޅި ގައުމު ގުގުމަނީއެވެ. ވަޢުދުވެވެނީ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތައްތޯ، އެއީ ޤައުމަށް އެންމެ ރަނގަޅުގޮތްތޯ ބަލާހެނެއް ހިޔެއް ނުވެއެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް އިންތިޚާބު ކާމިޔާބުކުރުމުގެ ދަހިވެތި ކަމުގައި އެންމެންވެސް ވެވުނު ވަޢުދެއް ވަމުންދާފަދައެވެ. އަދި ކުރީންވީ ވަޢުދުފުއްދުމުގެ ނަމުގައި އެތަކެއްހާސް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭއިރު އެކަމާވެސް ފަރުވާލެއް ނެތެވެ. ރައްޔިތުންގެ ތެރޭން އެއްބަޔަކު ކަންބޮޑުވެ ހާސްކަމެއްގެ ތެރޭގައި ތިބިއިރު، އަނެއްބަޔަކު ލިބުނު އުފަލާއެކު ތަންދޮރު ނޭނގޭހާލަށް ވެއްޓިއްޖެއެވެ. ގައުމުގެ ހާލަތާމެދު ކަންބޮޑުވާ ފަރާތްތަކުން އެފަރާތްތަކުގެ ޝުޢޫރުތައް، ބޭރުކުރެވެން އޮތް ގޮތަކަށް ބޭރު އެބަކުރެއެވެ. ނަމަވެސް، ގޮތް ނިންމަނީ ރައްޔިތުން ހޮވާފައި ތިބި ވެރީން ވިއްޔާއެވެ. ކުރިއަށް މިއޮތީ އަނެއްކާވެސް ރައްޔިތުން ގޮތް ނިންމާވީ ދުވަހެވެ. މިހިރީ ވިސްނާލުން ބުއްދިވެރި ކަންކަމެވެ.

މާލޭ ރައްޔިތުންނަށް ގޯތި ބެހުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވަޢުދެކެވެ. އަދި އޭގެ ބަރާބަރު 5 އަހަރު ފަހުން، 2023ގެ އިންތިޚާބަށް ކުޑަތަންވީތަނާ ސަރުކާރަށް އެއްކަލަ ވަޢުދުގެ މަތީން ހަނދާންވެ، ހަމައެއް ލަމައެއް ނެތި، މާލޭ ރައްޔިތުންގެ ތެރޭން އެތަކެއް ހާސް މީހުންގެ ހައްގުތައް ފޭރިގަނެވޭގޮތަށް، މާލޭން ބިންތައް ބަހާލައިފިއެވެ. ތިރީގައި މިވަނީ، ސަރުކާރުން އިންތިޚާބާ ދިމާކޮށް ހިންގާ ޖަރީމާތައް ކަމަށް ބުނެ، އަލް އުސްތާޛު އަޙްމަދު މާޖިދު ފާޅުކުރައްވާފައިވާ ޝުޢޫރެވެ. 

މާޖިދު ވިދާޅުވަނީ، "ހުޅުމާލެ އާއި ގިރާވަރު ފަޅު ފަދަ ސަރަޙައްދުތަކުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ހިންގަމުންދާ ޖަރީމާ އަކީ، ބޭއިންޞާފުން އަދި ނުޙައްޤު ގޮތުގައި ހިންގާ ވަރަށް ބޮޑު ގޯހެއް." ކަމަށެވެ.  އަދި "އެކަމަށް ޓަކައި މާލޭ ރައްޔިތުންނަކީ ކޮބައިކަން ކަނޑައެޅީ އާބިޓްރަރީކޮށް، ޚުދު މާލޭގެ އެތައް ރައްޔިތުންނެއް އަނިޔާވެރި ގޮތުގައި ބާކީ ކޮށްލައިގެން،" ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި މިކަމުގެ ތެރޭގައި ރާއްޖޭގެ އެހެން ރައްޔިތުން ބާކީ ކުރީ ވެސް އަނިޔާވެރި، ބޭއިންޞާފު ގޮތުގައި." ކަމަށާއި  "ގެދޮރު ދިނުމުގައި ހުރިހައި ރައްޔިތުން ހަމަހަމަ ކުރާން ޖެހޭ،" ކަން އޭނާ ވަރަށް ޖަޒުބާތާއެކު ފާހަގަ ކުރައްވައެވެ.

އޭނާ ވިދާޅުވީ، "ދެން މި ފެންނަނީ، ހަމަ އަނެއްކާވެސް ވޯޓު ގަތުމަށް ދޭ ރިޝްވަތެއް ފިޔަވައި އެހެން އެއްޗެއްގެ ގޮތުގައި ސިފަ ނުކުރެވޭނެ ފަދައިން، މުއައްޒަފުންގެ މުސާރަ 40 އިންސައްތަ ބޮޑު ކުރާ ވާހަކަ ދައްކާތަން." ކަމަށެވެ.

"އެ ފައިސާ ހޯދަނީ ކޮން ތަނަކުންތޯ؟" ވިދާޅުވެ އޭނާ ސުވާލުއުފެއްދެވިއެވެ.

ގައުމުގެ ވެރީން މިއަދު ގައުމާ ދޭތެރޭގައި ގެންގުޅޭ ސިޔާސަތު އޭނާ ސިފަކޮށްދެއްވީ، "ގެރިއަކުން ކިރު ފެލުމުގައި ވެސް، އެއިން ކިރު ހުސް ވުމުން ލޭ އައިސް އެންމެ ފަހުން ގެރި މަރު ވާވަރު ކޮށްލުމަކީ ބުއްދި ފަސް ވެފައިވާ މޮޔައަކު ނޫނީ ކުރާނެ ކަމެއް ނޫން." ކަމަށް ވިދާޅުވެއެވެ.

ދެން އޭނާ ކުރެއްވި ސުވާލަކީ، "ދިވެހި ޤައުމަށް އެހެން ހައްދަވައި، ޤައުމު ބަނގުރޫޓު ކޮށް ފަނާ ކޮށްލައްވާންތޯ ތިޔަ އުޅުއްވަނީ؟" މި ސުވާލެވެ.

އޭނާގެ ޤައުމީ ޝުޢޫރުތައް ނިންމވާ ލެއްވީ، "މި ގޮތްގޮތުން، ވޯޓާއި ވެރިކަމުގެ ދަހިވެތިކަމުގައި، ތިބި މަޤާމުތަކުގެ ނާޖާއިޒު ބޭނުން ކޮށްގެން ޤައުމު ފަނާގެ ތެރެޔަށް ވެއްޓޭނޭ ގޮތަށް ކަން ކުރަމުންދާ އިރު، ސުޕްރީމް ކޯޓާއި މަޖިލިހާއި އޭސީސީ ފަދަ ފަރާތްތައް، ހަމަ ބަލަހައްޓައިގެން ތިބެނީ ކީއްވެގެންބާ! ތިޔަ ބެއިފުޅުންގެ ޤައުމީ، ދުސްތޫރީ، ޤާނޫނީ، އަދި ޑިމޮކްރެޓިކް ވާޖިބުތައް ކޮބައިތޯ؟" ވިދާޅުވަމުންނެވެ.

އުސްތާޛް މާޖިދުގެ ކަންބޮޑުވެލެއްވުން ރަނގަޅެވެ. މިއީ ކުރިއަށް އޮތްތާނގައި ހަމަ ޔަގީނުންވެސް ރައްޔިތުން ވިސްނައި ރަނގަޅު ގޮތް ނިންމާން ޖެހެއެވެ. ހެޔޮ ބަދަލެއް ގެންނާން ޖެހެންޏާ، އެ އެބަ ޖެހެއެވެ. އެހެނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ދީފައި، މިނިވަން މުއައްސަސާތަކަށް މެންބަރުން ލާފައި ތިބެނީ، ފިސާރި ބޮޑެތި ޒިންމާތަކެއް މަތިކޮށްފައެވެ. އެއީކީ ހަމައެކަނި، މީހަކު ގޮސް ޝަކުވާއެއް ހުށަހެޅުމުން އެ ޝަކުވާއެއް ބަލައިލާން ތިބޭ ބައެއް ނޫނެވެ. އެބައި މީހުންގެ އަމިއްލަ ޒިންމާގެ ދަށުން، ބަލަންޖެހޭ ކަންކަން ނުބަލައި، ނޭނގޭކަމަށް ހަދައިގެން ތިބުމަށްވުރެ ވަކީން ބޮޑު ގޯހެއް އެފަރާތްތަކަށް ކުރެވޭނެތޯއެވެ.

އަދިވެސް ވަގުތުކޮޅެއް އެބަ އޮތެވެ. އުންމީދަކީ، މުއައްސަސާތަކުން ނުކުމެ، އަމިއްލަ ޒިންމާ ނަގައި، ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލައި، ގައުމު ސަލާމަތްކޮށް، ރައްޔިތުންނަށް ހަމަހަމަކަމާއެކު އިންސާފު ގާއިމުކޮށްދިނުމެވެ. އަދި ރައްޔިތުން ހޭލުންތެރި ކުރުމަށް، މިނިވަން މުއައްސަސާތަކާއި، މިނިވަން މީޑިއާތަކާވެސް ހަވާލުވެފައިވާ ޒިންމާވެސް ހެޔޮގޮތުގައި އަދާކުރުމެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކޮށްދިނުމެވެ.