ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކަންކަން ރޭވިގެން ދާނީ، އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައިގެން ކުރިއަށް ދިއުމަށް ކަމަށާއި، މޫނުބުރުގާ އަޅަން ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ގެންގުޅޭ ތަފާތުކުރުން ނައްތައިލާނޭކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނ. ހެނބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ، ތައުލީމީ ދައިރާއަށާއި އަންހެނުން ބާރުވެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއަށް މޫނުބުރުގާއާ ބެހޭ ވަޢުދުވެސް އިތުރުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރޭން ކަންކަން ކުރުމަށް އިސްކަން ދެއްވާނޭކަމުގެ ޔަގީކަން ދެއްވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި އެއްވެސްތަނެއްގައި މޫނު ބުރުގާ އަޅުއްވައިގެން މަސައްކަތްކުރުމަކަށް ހުރަހެއްނެތޭ،" ގާސިމް ވިދާޅުވިއެވެ.

އަދި " ކިޔަވައިދެއްވުމަށް ނަމަވެސް. އޮފީސްތަކުގެ ވަޒީފާ ނަމަވެސް ހެވޭ. އެބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް އެ އިންތިޒާމް ހަމަޖެހިގެން ދާނެ. އެއީ އިސްލާމީ ނަމޫނާއެއް،" ކަމަށްވެސް ރާއްޖޭގެ އެންމެ މުއްސަނދި، އަދި ދީލަތިކަމަށް ރައްޔިތުންގެ މެދުގައި މަގުބޫލު އެއް މަހުޖަނު ވިދާޅުވިއެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައި ނުދެވޭގޮތަށް އުސޫލެއް ހެދުމަށްފަހު، އެތައް ފަރާތްތަކެއްގެ ފާޑުކިޔުން އަމާޒުވުމުން، މި ކެމްޕޭނާ ދިމާކޮށް ރައީސް އިބްރާހީމްގެ ސަރުކާރުން ވަނީ، ކުރިން ގެނައި ހަރުކަށި ބަދަލުތައް ކެންސަލްކޮށް، މޫނު ބުރުގާ އަޅައިގެންވެސް ކިޔަވައިދެވޭ ގޮތަށް ބަދަލުކޮށްފައެވެ.