ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް އިންތިޒާރުކުރާން ނުޖެހޭނެ ކަމަށާއި މި އިންތިޚާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކާމިޔާބުކުރައްވާނީ ސީދާ ފުރަތަމަ ބުރުންކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަނުން ރ. ދުވާފަރުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެންޕޭން ޖަލްސާގައި ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ، " الله ސުބްޙާނަހޫ ވަތަޢާލާގެ މިންވަރުފުޅާއި ވާގިފުޅުން، މިއިންތިޚާބު ދެވަނަ ބުރަކަށް ދިޔުމަށް އިންތިޒާރު ކުރުމަކީ ނެތްކަމެއް،" ކަމަށެވެ. އަދި "ރައީސް ޞާލިޙް އެއްބުރުން ކާމިޔާބު ކުރަން ޖެހޭ ސަބަބު މިރަށްތަކުގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ،" ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއާ އެމްޑީޕީގެ ފަލްސަފީ ބައެއްކަހަލަ ތަފާތުތައް ހުރިކަމުގައިވީ ނަމަވެސް އެ ދެޕާޓީންވެސް މަސައްކަތްކުރަނީ، ރާއްޖޭގައި ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށާއި، " މިދެޕާޓީ އެއްކޮށް މަސައްކަތް ކުރަމުން މިދަނީ އިތުރަށް ހެޔޮވެރިކަން ކޮށްދިނުމުގެ ސިޔާސަތެއް ވަރަށް ސާބިތުކޮށް ދެޕާޓީގައި އޮތަތީ،"ކަމަށެވެ.

ހެޔޮ ވެރިކަމެއް ކޮށްދޭނަމޭ ބުނެ ދެވަނަ ދައުރަކަށް ކެޕްމޭން ކުރައްވާއިރު، ރައީސް އިބްރާޙީމްގެ ސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭގެ ދަފްތަރުގައި ޖެހިފައިވާ އެތަކެއް ހާސް ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަނެ، މާލޭންވެސް އަދި ރާއްޖޭގެ އެހެންތަނަކުންވެސް އެ ރައްޔިތުންނަށް ބިންވެރިވެވޭނޭ ގޮތެއް ނެތިގެން އެކަމާ އާދޭސްކޮށްކޮށް އޮއްވައި، މި ސަރުކާރުން މާލޭގެ ވަކި ޝަރުތުތަކެއް ހަމަވާ ބަޔަކަށް ގޯތި ބަހާލުމުން ރައްޔިތުންގެ އެތަކެއް ހާސް ބަޔަކު ތިބީ މިސަރުކާރު ދެކެ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.