ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ، ދިވެހީންގެ ލޭނާރު ކަމަށްވާ މަސްވެރިކަން، ރާއްޖެއަށް "ރަންބިސްއަޅާ ކުކުޅު" ކަމަށްވާ ފަތުރުވެރިކަމާ އެއްވަރަށް ކުރިއަށް ގެންދާނޭ ޕްލޭނެއް އޭނާގެ ރިޔާސީ ވައުދުތަކުގެތެރޭގައި ހިމަނުއްވައިފިއެވެ.

ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ވަކި މުއައްސަސާއެއް އޮތް ނަމަވެސް، މަސްވެރިކަން އިސްތިހާރުކުރާން އެފަދަ މުއައްސަސާއެއް ނެތްކަމަށެވެ. އެހެންކަމުން މަސްވެރިކަން ޕްރޮމޯޓްކުރާން ޚާއްސަ އޭޖެންސީއެއް އޭނާގެ ވެރިކަމެއްގައި އުފައްދާނޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުން، ބަދަލުގައި އެ ފުރުސަތު ލިބިވަޑައިގެންނެވި ކުރީގެ ހައުސިންގ މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމަށް ޚާއްސަ އޭޖެންސީއެއް ހެދުމުން "ޓޫރިޒަމް ގޮތަށް މަސްވެރިކަމުގެ އުފެއްދުންތައް ދުނިޔޭގެ މާކެޓްތަކަށް ފޯރުކޮށްދީ، ވިއްކުމަށްޓަކައި މަސްވެރިންނާއި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އެ ލިބެނީ ވަރަށް ފަހި ފުރުސަތެއް،" ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ އެމްއެމްޕީއާރުސީ ފަދައިން، މަސްވެރިކަމަށް ޚާއްސަ އިދާރާއެއް ހެދުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އިސްތިހާރުކޮށް ފަސޭހައިން ވިއްކޭނޭ ފުރުސަތުތަކެއް ތަނަވަސްކުރުން ކަމަށެވެ.