ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ރާއްޖޭގެ ތަހުގީގީ އިދާރާތަކާއި ޝަރުޢީނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް، މައްސަލަތައް އަވަހަށް ނިންމައި، އިންސާފު ގާއިމުކުރާނޭ ކަމަށް ވިދާޅުވެއްޖެވެ.

ތަހުގީގު ނިމެންދެން، "ވާނުވާގައި" މީހުން ބަންދުކޮށްފައި ބޭތިއްބުމާއި، ޝަރީޢަތުގެ މަރުހަލާ ޒަމާންތަކެއް ވަންދެން ދިގުދަންމާލުމުގެ ސަބަބުން، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އެތަކެއް ހައްގުތަކެއް ގެއްލިގެންދާއިރު، މިއިން އެއްވެސް ކަމަކަށް ރައްޔިތުންނަށް އިންސާފު ނުލިބޭވާހަކައަކީ ދިވެހީންގެ ތެރޭގައި އެންމެ އާންމު ވާހަކައެވެ. އެގޮތުން މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތީވެސް އިންސާފު ހޯއްދަވައިދެއްވާނޭ ކަމުގެ ވައުދާއެކުއެވެ. ނަމަވެސް 5 އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު، އެ ވިދާޅުވި އިންސާފު އަދި ރައްޔިތުންގެ ލޮލުކޮޅަށް ފެންނަހިސާބަށްވެސް ތިލަ ނުވެއެވެ.

ގާސީމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި، "އަޅުގަނޑު މި ވަޢުދުވަނީ، اللهގެ ވާގިފުޅާއެކު، އަޅުގަނޑުގެ ވެރިކަމެއްގައި، އެގޮތަށް އަންނަ މައްސަލަ ތަކުގައި، ކޯޓުތަކަށް މައްސަލަ ދަމަހައްޓާފައި ބޭއްވޭނީ، ފުލުހުން ތަހުގީގު ކުރަންވެސް ދެވޭނީ، ޕްރޮސެކިއުޓާ ޖެނެރަލްއަށް މައްސަލަ ހުށަހެޅުމަށްވެސް ދެވޭނީ، ވަކި މިންވަރެއްގެ ވަގުތު ތަކެއް." ކަމަށެވެ.

މީގެ އިތުރުން، "ހަމައެއާއެކު ކޯޓުތަކަށް އަޅުގަނޑުމެން ދޭނީ، ކޯޓުގެ ކޮންމެ މަރުހަލާ އަކަށްވެސް ވަކި މުއްދަތެއް،" ކަން ފާހަގަކުރައްވައި، މިފަދަ ކަންކަމަށް ބޭނުންވާނޭ ގާނޫނުތައް އޭނާގެ ސަރުކާރެއްގައި ހައްދަވާނޭކަމަށްވެސް މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.