ދިވެހިރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުކޮށް ވެރިކަންކުރާނޭ ފުރުސަތެއް ދީފި ނަމަ، މާލޭގައި ހަތަރުފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖްސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނެސް، ގަވާއިދާ ޚިލާފަށް ޕާރކް ކުރުމުން ދައްކާންޖެހިފައިވާ ޖޫރިމަނާ ފީތައް މާފުކުރައްވާނޭކަމަށް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަންވަމުންދާއިރު، ކެންޑިޑޭޓުން ދަނީ ފުލުފުލުގައި ވަޢުދުތައް ވަމުންނެވެ. އެގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަނީ، އެމަނިކުފާނަށް ދެވަނަ އަދުރެއް ދެއްވައިފި ނަމަ، ޖެނުއަރީން ފެށިގެން ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރާން ވަޢުދުވެފައެވެ. ޑރ. މުޢިއްޒު މި ވައުދުވަނީ، ގަވާއިދާ ޚިލާފުވުމުން ދައުލަތަށް ލިބޭން އޮތް އާމްދަނީއެއް ދޫކޮށްލައްވާނޭ ކަމަށް ވިދާޅުވަމުންނެވެ.

މިހާރުވެސް ދައުލަތުގެ ކަންކަން ހަމަޖެއްސުމަށް ބޮޑެތި ލޯނުތައް ނަގައި، މުސާރަދޭންވީމާ ޖެހެނީ ފައިސާ ޗާޕްކުރާށެވެ. މިހާރުވެސް ދަރައި ހުލިވެފައިވާ ދިވެހި ދައުލަތް އިތުރަށް ދަރުވާލެވޭނޭ ގޮތްތައް ކެންޑިޑޭޓުން ދެއްކުމަކީ ދިވެހިރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަންތަކެވެ. މިހާރުވެސް ބާޒާރުގައި ދިވެހިފައިސާ ގިނަވެ، ފައިސާގެ އަގުވަނީ އިންތިހާއަށް ވެއްޓި، މުދަލުގެ އަގު އެތައް ގުނައެއް އިތުރުވެފައެވެ. 2026ގައި ދައުލަތުން ދައްކާންޖެހޭ 1 ބިލިއަން ޑޮލަރުގެ ލޯނު ދަރަނި ދައްކާނީ ކިހިނެއް ކަމެއްވެސް މީގޭން އެއްވެސް ކެނޑިޑޭޓަކު ބުނެއެއް ނުދެއެވެ.

ށ. އަތޮޅު ފުނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، ރައީސް އިބްރާހީމްގެ ސަރުކާރު އައީ ޕާކު ކުރާނެ ޖާގަ ނުދައްކައި، ޖޫރިމަނާ ސްޓިކަރ ނުޖަހާނެކަމުގެ ވަޢުދާއެކު  ކަމަށާއި ނަމަވެސް، ދައުލަތުގެ އާމްދަނީ ހޯދާ އެއް ވަސީލަތަކީ ޕާރކިންގ ޖޫރިމަނާއިން ފައިސާ ހޯދުން ކަމަށެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ، މާލޭގެ ޕާރކިންގ މައްސަލަ ހައްލުކުރާން ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ހައްލު ނުކުރެވި އޮތީ ސަރުކާރުން ހުރަސްއެޅުމުން ކަމަށެވެ.

އޭނާ ވިދާޅުވީ، ވެރިކަން ކޮށްލާނޭ ފުރުސަތެއް ރައްޔިތުން ދީފި ނަމަ، މާލެއަށް ކުރިމަތިވެފައިވާ ޕާކިން މައްސަލަ ޙައްލުކޮށްދެއްވާނެކަމަށާއި، ޕާކިން ބިލްޑިންގްތަކާއި އިތުރު ޒޯންތައް ހަދައި، ގަރާޖު ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެންނަވާނެކަމަށެވެ.

މިހާރު މާލޭގައި 4 ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރާނަމަ، މާލޭގައި ބިމެއް އޮތް ކޮންމެވެސް މީހަކަށް 50،000އާ 75،000 ރުފިޔާއާ ދެމެދުގެ އަދަދެއްދީގެން މެނުވީ ގަރާޖް ސިޓީއެއް ނުލިބެއެވެ. އަދި މިގޮތަށް ސިޓީ ދޫކޮށްފައިވާ ގަރާޖު ތަކުގައި އެތަކެއް 100 އުޅަނދު ރަޖިސްޓްރީ ކޮށްފައިވާއިރުވެސް މިކަން ބަލާނޭ އަދި ހުއްޓުވާނޭ ފަރާތެއްވެސް ނެތެވެ.