ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ، ޙަސަން ޒަމީލްގެ ސަރުކާރަކަށް ދިވެހި ރައްޔިތުން ފުރުޞަތު ދެއްވައިފި ނަމަ، ކޯލިޝަންގެ ބައިވެރިޔަކާ ޖެހުމުން މައްސަލަ ނުބެލި އޮންނަ އޮތުން ނިމުމަކަށް ގެންނަވާނޭކަމަށް އޭނާ ވިދާޅުވެއްޖެވެ.

"ކޯލިޝަން ނޫންގޮތެއް" ހޯއްދެވުމަށް، އަނބިކަނބަލުން މަރިޔަމް އަލީމް ގޮވައިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޒަމީލް ވިދާޅުވީ، ކޯލިޝަން ސަރުކާރެއްގައި ބައިވެރިވެގެން ކޮރަޕްޝަން ނުހުއްޓުވޭނޭ ކަމަށާއި، އޭނާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަނީވެސް އެހެންވެ ކަމަށެވެ.

"އިންތިޚާބު އަޅުގަނޑަށް ކާމިޔާބުވެއްޖެ ކަމުގައިވާނަމަ އިރާދަކުރެއްވީޔާ މިނިވަންކަން އޮންނާނެ ހުރިހާ ކަމެއް ކުރުމުގައިވެސް،" ޒަމީލް ވިދާޅުވިއެވެ.

"ކޯލިޝަނެއްގަވާހެން މައްސަލަ ބަލަމުން ގޮސް ކޯލިޝަންގެ ބައިވެރިއެއްގެ ގައިގައި ޖެހުނީމާ މައްސަލަ މަޑުޖެހޭ ތަނެއް ނާންނާނެ،" މިއީ ކޮންމެހެން ކުރާން ޖެހޭކަމެއްކަން ފާހަގަކުރައްވައި، އޭނާއަށް އެކަން ކުރެއްވޭނޭކަމުގެ ޔަގީންކަން ދެއްވަމުން ޒަމީލް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި، ކުރީން ޓޫރިޒަމް މިނިސްޓްރީގައިވެސް މަސައްކަތްކުރެއްވި ޒަމީލް އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ، އިންސާފު ގާއިމުކުރަން ކަމަށާއި، ނަމަވެސް 2023 ވަނައަހަރުގެ އިންތިޚާބާ ހަމައަށް އައިއިރުވެސް، މަރުތަކުގެ އިންސާފާއި ޚިޔާނާތުގެ މައްސަލަތައް ހުރިގޮތަށް ހުރީކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމަށް ހައްލެއް ހޯދުމަށް އޭނާއަށް ވޯޓްދެއްވުމަށް އެދިވަޑައިގަތެވެ.