މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން އިންތިޚާބު ވެއްޖެނަމަ، އޭނާ އެކުލަވައިލާ ސަރުކާރެއްގެ ފުރަތަމަ ދެއަހަރު ތެރޭ، ރާއްޖެއަކީ ޑިޖިޓަލް ފައިނޭންސް ހަބަކަށް ހައްދަވާނޭކަމަށް ވިދާޅުވެއްޖެއެވެ.

ފާރިސްގެ ރިޔާސީ މެނިފެސްޓޯއާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، ރާއްޖެ ޑިޖިޓަލް އިގްތިޞާދަކަށް ބަދަލުކުރާން ޖެހޭކަމަށާއި އެ މަސައްކަތުގެ ތެރޭން ފުރަތަމަ ކަމަކަށް ކޭޝްލެސް ސިސްޓަމެއް ގާއިމުކުރާން ޖެހޭނެ ކަމަށެވެ. އެގޮތުން، ދައުލަތުގެ ހުރިހާ ލިޔެކިޔުމެއް ޑިޖިޓައިޒްކޮށް، ރައްކާތެރިކަމާއެކު ރައްކާކުރެވޭނޭގޮތް ހަމަޖެއްސުމާއި، ޑިޖިޓަލް އިގްތިޞާދެ ގާއިމުކުރުމަށް ގާނޫނަށް ގެންނާޖެހޭ ބަދަލުތައްވެސް ގެންނަވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ފުރަތަމަ 2 އަހަރު ދުވަހު އަޅުގަނޑުމެންގެ ސްޕެޝަލް އިކޮނޮމިކް ޒޯންސްގެ ގާނޫނު ބޭނުންކޮށްގެން ރާއްޖޭގެ ވަކި ސަރަހައްދެއް ފައިނޭސް ސެންޓަރަކަށް ހެދުމައްޓަކައި އެ ސަރަހައްދުގައި ކުރާ މި ފަދަ ވިޔަފާރިތަކަށް ގެންނަ އިންވެސްޓްމަންޓްތަކަށް އިތުރު ސެކިއުރިޓީ ދީ އެކަންކަމުން އެ ބޭފުޅުއްނަށް ކުރިއެރުން ލިބޭނެ ގޮތް ކަށަވަރުކޮށްދިނުން،" ގޮންޖެހުންތަކާއެކުވެސް ރައްޔިތުއްނަށް ލުއިފަސޭހަ އަދި އެކަށޭނަ ޑިޖިޓަލް ނިޒާމެއް ގާއިމްކުރައްވާނެކަން ފާހަގަކުރައްވަމުން ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެ ޑިޖިޓަލް ހަބަކަށް ބަދަލުކޮށްލެވިއްޖެ ނަމަ، އޮންލައިންކޮށް މިހާރުވެއް ކުރާ ވިޔަފާރިތަކާއެކު، ވިޔަފާރި މުޢާމަލާތްތަކަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނޭ ކަމަށާއި، އަދި ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ފުރިހަމައަށް ލިބިގެން ދާނޭކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު، ފާރިސް ހިމެނޭގޮތަށް އަމިއްލަގޮތުން 3 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.