ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ވެއްޖެނަމަ އަލަށް ވިޔަފާރި ފަށާން ބޭނުންވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ފައިސާއާ ވަސީލަތްތައް ހަމަޖައްސަވައިދެއްވާނޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުގައި މަނަދުއަށް ވަޑައިގެން އޭނާ ވިދާޅުވީ، ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތަކުން ހުށަހަޅާން ޖެހޭނީ ރަނގަޅު ބިޒްނަސް ޕްލޭނެއް ކަމަށާއި، ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި ހުއްދަދީ އަދި އެކަމަށް ބޭނުންވާ ވަސީލަތާއި މާލީ އެހީތެރިކަންވެސް ފޯރުކޮށްދެއްވާނޭ ކަމަށެވެ.

"ތިބޭފުޅުން ޓުއަރިޒަމްގެ މަސައްކަތް ކުރުމަށް ވޯޓާ ސްޕޯޓްސް ސެންޓަރެއް، ޑައިވް ސެންޓަރެއް، އެކްސްކާރޝަން ފެސިލިޓީތަކެއް، ނައިޓް ފިޝިން ފެސިލިޓީތައް ގާއިމްކުރަން، ޓުއަރިސްޓު ފިހާރަތައް ހިންގަން، އަޅުގަންޑުމެން ތިބޭފުޅުންގެ ފަރާތުން ބޭނުންވަނީ ހަމައެކަނި ތިބޭފުޅުން އެކަން ކުރާނެގޮތުގެ ބިޒްނަސް ޕްލޭނެއް،" ޑިމޮކްރެޓުންގެ "ފަސޭހަ ވިޔަފާރި" ސިޔާސަތުގެ ތެރޭން ކަންކަން ފަސޭހަކަމާއެކު ހަމަޖެހިގެންދާނޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނ. އަތޮޅު މަނަދޫގެ ލޯކަލް ޓުއަރިޒަމް ތަރައްގީކޮށް އޭގެ މަންފާ އެރަށުގެ ރައްޔިތުންނަށް ހޯދައިދިނުމާއި، އެރަށުގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ސިއްހީ ޚިދުމަތް ކުރިއެރުވުމާއި، އެރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ގެދޮރު އެޅުމަށް ބޭނުންވާ ވަސީލަތާއި ފައިސާގެ އެހީ ހަމަޖައްސަވައި ދެއްވާނޭކަމަށް އިލްޔާސް ވިދާޅުވިއެވެ.