ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެ ނަމަ، ވަކި ޝަރުތުތަކެއް ހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެވޭނޭ ނިޒާމެއް ކަނޑައަޅަން އެމްޑީޕީން މިފަހަރު ތައްޔާރުކޮށްފައިވާ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ދައުލަތުން މިހާރުވެސް ވަކި ޝަރުތުތަކެއް ހަމަވާ މީޑިއާތަކަށް  މާލީ އެހީތެރިކަން އެކިގޮތްގޮތުން ފޯރުކޮށްދެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާ ވަކިގޮތަކަށް ޚަބަރުތައް ގެނެސްދޭ މީޑިއާތަކަށް ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކުރާކަން ރައީސް އޮފީހުގެ ހިސާބުތަކުން ފެންނާން އެބަހުއްޓެވެ. އަދި އެފަދަ މީޑިއާތަކަށް ސަރުކާރުގެ ކުންފުނިތަކުން ގިނައަދަދެއްގެ އިސްތިރާކު ދީގެން މީޑިއާތައް ވަކިގޮތަކަށް ބައްޓަންކުރާ ވާހަކަތަކަކީ ވަރަށް ޢާންމު ވާހަކަތަކެކެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު 7 ކަމެއް ހުށަހަޅާފައިވެއެވެ. އެގޮތުން، މީޑިއާތަކުގެ ހިންގުން ހަރުދަނާކޮށް އަދި ރެޖިސްޓްރީކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި، މީޑިއާ ކައުންސިލްގެ އެހީތެރިކަމާއެކު ޚަބަރުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތް ގާއިމުކުރުމާއި، މީޑިއާތަކަށް ބަޖެޓެއް ކަނޑައެޅުން ހިމެނެއެވެ.

މީގެ ތެރޭން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ކަނޑައެޅުމަށް ނިންމާފައިވާއިރު، އެ ފައިސާ މީޑިއާތަކަށް ބެހިގެންދާނީ މި ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން، ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް، ފިލްމް އަދި ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މެނިފެސްޓޯގައި ވެއެވެ.