ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހުޅުމާލޭގެ މާސްޓަރޕްލޭނެއް އެންމެ ފަހުން ހެދިއިރު، އެ ރަށުގެ އެންމެ އަގުބޮޑު ސަރަހައްދުގެ ގޮތުގައި ޔޮޓް މެރީނާއެއް ތަރައްގީކުރާން ހަމަޖެހިފައިވާ ސަރަހައްދުވެސް މިސަރުކާރުން ހިލޭ ބަހައިލާ ބިލިއަން ރުފިޔާގެ އަގުބޮޑު ބިންތަކުގެ ތެރޭގައި ހިމަނައި އެތަން ހިއްކާން ބަޔަކާ ހަވާލުކޮށްފިއެވެ.

ހުޅުމާލެ ހިންގާ ކުންފުނި، (އާބަންކޯ)އިން ނެރުނު ބަޔާނެއްގައި ބުނީ، ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ، ސީއެމްސީއާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުކޮށްގެން ހިއްކަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން 62.6 ހެކްޓަރު، ދިޔަނެރު ފަޅުން 24.6 ހެކްޓަރު އަދި ތިލަފުށީގެ ޑީ އޭރިއާއިން 9.6 ހެކްޓަރުގެ ބިމެވެ. މިސަރުކާރުން އަދި މާކަބޮޑު މައުލޫމާތެއް ހިއްސާކޮށްފައި ނުވި ނަމަވެސް، މިހާރު ހަމަޖެހިފައިވާގޮތުން، ޔޮޓްމެރީނާ ދެން އަޅާނީ ދިޔަނެރު ފަޅުގައެވެ.

ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އެތަކެއް ޙައްޤެއް ނިގުޅައިގަނެ، ވަރަށް ބޮޑު ނަސްލީ ތަފާތުކުރުމެއްގެ ތެރޭން، މާލޭ ސަރަހައްދުން ގޯތި ބެހުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ އަދަދު 18،955އަށް އަރައެވެ. އެފަރާތްތަކަށް ގިރާވަރު ފަޅުންނާއި، ގުޅީފަޅުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީން ގޯތި ދޭން ނިންމާފައިވާއިރު ހުޅުމާލޭން ދޭން ނިންމާފައި ވަނީ، 1،351 ގޯއްޗެވެ.

މިތަންތަން ދޫކުރުމުގައިވެސް ނުފޫޒުގެ ބޭނުންކުރާކަމަށް އެތައް ރައްޔިތުންނެއް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަނީ، ބިން ދޫކުރުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނޭ ކަމަށެވެ.

ހުޅުމާލެއަކީ އެތަނުގެ ތަރައްގީގެ މާސްޓަރ ޕްލޭނަށް ބައިނަލްއަގްވާމީ އެވޯޑް ލިބިފައިވާ ތަނެކެވެ. ނަމަވެސް، މިސަރުކާރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް، އެއްވެސް ހަމައެއް ލަމައެއް ނެތި، ރައްޔިތުންގެ މެދުގައި އިންތިހާއަށް ނަސްލީ ތަފާތުކުރުން އުފައްދައި، މާލޭން ވަކިބަޔަކަށް ޝަރުތުހަމަވާގޮތަށް ބިންތަކެއް ބަހައިލާން ހުޅުވާލި ފުރުސަތުގައި، ބިން ދޫކުރާން ހަމަޖެއްސި އެއްބަޔަކީ ކުރީން ފާހަގަކުރެވުނު މާސްޓަރޕްލޭންގެ ދަށުން އެ ސިޓީގެ އެންމެ އަގުބޮޑު ސަރަހައްދެވެ.

އޭގެ އިތުރުން އެ ސަރަހައްދުން މީގެ ކުރީން ބީޗް ފްރަންޓްގެ ގޮތުގައި، އަގުބޮޑު ލަގްޜަރީ އެޕާޓްމަންޓްތަކެއް ހަދާން ދޫކޮށްފައިވާއިރު، މިހާރު މިގެންނަ ނާއިންސާފު ބަދަލާއެކު އެފަރާތްތަކަށް "ސީވިއު"ވެސް ގެއްލޭނެއެވެ.

ރާއްޖޭގެ އެއްވެސް ތަނަކުން، ބިންހިއްކައިގެން ގޯތި ދިނުމަކީ، މުސްތަގުބަލަށް ވިސްނައިގެން ކުރާން ހެޔޮ ނުވާވަރު ކަމެއްގެ ގޮތުގައި އެތަކެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މިސަރުކާރުގެ ޕްލޭނިންގ މިނިސްޓަރުވެސް ވަނީ މިމޭރުމުން ގާނޫނު ހަދާ މަޖިލީހުގައިވެސް ވާހަކަފުޅު ދައްކަވައިފައެވެ.