ހައްދުންމަތީން ދެން އެމްޑީޕީއަށް ކުރި ހޯދިޔަ ނުދޭމޭކަމަށް ވިދާޅުވަމުން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެން، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވައިފިއެވެ.

ސިރާޖަކީ ކުރިން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާޢީދުކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީ ދެބައިވުމުން އޭނާ ހުންނެވީ ރައީސް އިބްރާހީމްގެ އަރިހުގައެވެ. އަދި ފަހުން، އިބރާހީމާވެސް ފެއަށް ޖެހިވަޑައިގަތީއެވެ.

ސިރާޖް އެމްޑިޕީގެ ޗެއަރޕަރސަނަށް ފޮނުއްވި ސީޓީގައި ވަނީ، "ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، މިއަދުންފެށިގެން އަޅުގަނޑު އެމްޑީޕީން ވަކިވެއްޖައިން." ކަމަށެވެ.

އަދި އެއަށް ފައހު އެކްސް (ޓްވިޓަރ)ގައި އޭނާ ލިޔުއްވީ "ރިޔާސީރޭހުގައި ޑރ. މުއިއްޒުއަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،" ކަމަށެވެ.

އަދި "2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން." ކަމަށްވެސް #އިބޫނޫންގޮތެއް ހޭޝްޓެގާއެކު އޭނާ ލިޔުއްވިއެވެ.