ރާއްޖެއަކީ ފަތުރުވެރީންގެ މެދުގައި ދުނިޔޭގެ އެންމެ އަގުބޮޑު އަދި މަގޫބޫލު މަންޒިލެއްގެ ގޮތުގައި ބެލެވޭއިރު، ރާއްޖޭގެ އަތޮޅުތަކުގައި ހަދާފައިވާ ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާ ފައިސާގެ 50 އިންސައްތަ، އޭނާ ހޮވިވަޑައިގެންފި ނަމަ އެ އަތޮޅެއްގެ އަތޮޅު ކައުންސިލާ ހަވާލުކުރައްވާނޭ ކަމަށް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގައި ވެލިދޫގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާވީ، އަތޮޅުތަކުގެ ރަށްތައް ކުރިއަރައި ތަރައްގީވާނީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ކަމަށާއި، ނ. އަތޮޅަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ އަގުބޮޑު ރިސޯޓުތައް ހިންގަމުން އަންނަ އެއް އަތޮޅުކަމަށެވެ. އެގޮތުން ރަށުކައުންސިލްތަކަށް އާމްދަނީ އިތުރަށް ލިބޭނޭ މަގުތައް ޑިމިކްރެޓްސްގެ ސަރުކާރެއްގައި ފަހިކޮށްދެއްވާނޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މިއީ ދުނިޔޭގެ އެންމެ އަގުބޮޑު، އެންމެ ހައިއެންޑު ރިސޯޓުތައް ހުރި އަތޮޅު. އަޅުގަންޑުމެން މިއަންނަނީ މި ހުރިހާ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ މި އަތޮޅުގެ އަތޮޅު ކައުންސިލަށް ދިނުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓްސްއަށް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، ކުދި ވިޔަފާރިތަކުން ނަގާ ޓެކްސް ހުއްޓާލައި، އަދި މިހާރު ނަގަމުންދާ ޖީއެސްޓީވެސް ކުޑަކުރައްވާނޭކަމަށެވެ. މީގެ އިތުރުން، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި ގެސްޓްހައުސް ވިޔަފާރިއަށް އަލަށް ވަންނާން ބޭނުންވާ ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނޭކަމަށް ޑިމޮކްރެޓްސްގެ ޒުވާން ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.