ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ ދެފަޅިވެ، އަލަށް އުފެދުނު ދަ ޑިމޮކްރެޓްސް މިފަހަރުގެ އިންތިޚާބަށް ނުކުމެ ތިބީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މި އިންތިޚާބުގެ 3 ވަނައަށް ވައްޓާލުމަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާޙީމަށް ލިބިވަޑައިގެންފައި ވަނީ ކެންޑިޑޭޓް ނަމްބަރު 3 އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް (އިއްލި)އަށް ތާޢީދު ހޯދުމަށް އެ ޕާޓީން މިހާރު ނ. އަތޮޅަށް ކުރާ ދަތުރުގައި އެ އަތޮޅު ވެލިދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ކުރީގެ ލީޑަރު އަދި ރައީސް އިބްރާހީމްގެ ދުވަސްވީ މިތުރު އަދި މިހާރު ސިޔާސީ އެންމެ ބޮޑު ހަތުރު ކަމަށްވާ ނަޝީދު ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގެ ދެވަނަ ބުރެއް އައި ނަމަވެސް، ރައީސް އިބްރާހީމުގެ ފަހަތަށް ނާރާނޭ ކަމަށާއި މިހާރު ޑިމޮކްރެޓުންނަށް ދެވަނަ ބުރު ޔަގީންކުރެވޭ ކަމަށެވެ.
އެގޮތުން ރައީސް އިބްރާހީމް އެކިއެކި ބޭފުޅުން ލައްވައި މިހާރުވެސް ޑިމޮކްރެޓްސްގެ އިސް ފަރާތްތަކާ ގުޅޭތޯ މަސައްކަތްކުރައްވާ ކަމުގެ ތުހުމަތުވެސް ނަޝީދު ކުރެއްވިއެވެ.
"ރައީސް ސޯލިހު އެކިއެކި ބޭފުޅުންލައްވާ އަޅުގަނޑުމެންނަށް ގުޅުއްވޭތޯ އިބަ ބައްލަވާ! ދެވަނަ ބުރެއްގަވެސް އަޅުގަނޑުމެން ނުދާނަން ރައީސް ސޯލިހު އާއެކުގަ އެއް" ނަޝިދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، "އަޅުގަނޑުމެން ރައީސް ސޯލިހު ތިންވަނަ އަށް ނުލާ އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން. އަޅުގަނޑުމެންތިބޭނީ ދެވަނަ ބުރުގާ އިރާދަކުރެއްވިއްޔާ މިއިންތިހާބު ކާމިޔާބު ކުރާނަން" ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު މިފަހަރު ނުކުމެވަޑައިގެން ހުންނެވީ، "ޒުވާން ލީޑަރަކާއެކު، ތަންދޮރު ދަންނަ ބޭފުޅަކާއެކު" އެކު ކަމަށެވެ. އެގޮތުން ޑިމޮކްރެޓުން ކުރާ މަސައްކަތް ނިންމާލާނީ ރައީސް އިބްރާހީމް 3 ވަނައަށް ލާފައި ކަމަށް ވިދާޅުވިއެވެ.