ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނޭކަން ޢިއުލާނުކުރެއްވުމަށް ފަހު، ކުޅޭކުޅޭ އިންތީޚާބެއްގައި ވާދަކުރައްވާން ބުނޭނުންފުޅު ނުވާކަމަށް ވިދާޅުވި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރުގެ ތާޢީދު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިޒަށް އޮތްކަމަށް ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒަށް ތާޢީދު ހޯއްދެއްވުމަށް ހޯމަދުވަހު (މިއަދު) މުޢިއްޒުގެ ކެމްޕޭނު ޓީމާއެކު ޑރ. މުނައްވަރު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.  

މުނައްވަރު ވިދާޅުވާ ގޮތުން، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރޭން އޭނާ ގަބޫލުފުޅުކުރައްވާ އެންމެ، ގާބިލު ބޭފުޅަކީ މާލެ ސިޓީގެ މޭޔަރު، މުޢިއްޒެވެ. އެހެންކަމުން މުޢިއްޒަށް މި އިންތިޚާބް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރެއްވުމަށް ނިންމެވީއެވެ.

ޑރ. މުނައްވަރަކީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން، "ތުހުމަތު ކުރެވޭ އަޑިނޭނގޭ ޑީލްތަކަކާއެކު" ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް މޮރިޝަސްއަށް ދޫކޮށްލި މައްސަލައިގައި، ކަނޑު އަނބުރާ ހޯދުމަށް މަސައްކަތްފެއްޓެވި ބޭފުޅެކެވެ. އަދި ކަނޑު ހޯދުމާއި، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ ކަންކަން ފާހަގަކޮށް މިވަގުތު އެންމެ ގަދައަށް މަސައްކަތްކުރާ ފިކުރަކީ، ޚިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲގެ ޕްރޮގްރެސިވް ކޯލިޝަނެވެ. މުޢިއްޒަކީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ.