ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭން ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން، އެމަނިކުފާނުގެ މައްޗަށް ޢަބުރުގެ ދައުވާކުރައްވާނޭކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ޢަބުރުގެ ދަޢުވާކުރައްވާން އަލްހާން ނިންމެވީ، ރައީސް އިބްރާހީމްގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޭނަމޭ ކިޔައިގެން ނެރެގެން އުޅެނީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެވެސް ނުލަފާ ސްކޭމެއް ކަމަށް ވިދާޅުވެ ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

"އަޅުގަނޑު ދަންނަވާނީ މީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ، ނުލަފާ ކަމެކޭ، އެ ރާވައިގެން ރައްޔިތުންނަށް އެންމެ ބޮޑަށް ޖެހިފައިއޮތް މިންވަރު، އެންމެ ބޮޑަށް ހާލުގައި ޖެހިފައި އޮތް ވަގުތު. އަދި އެންމެ ބޮޑަށް އެދިއެދި ހުރި ވަގުތު. ރައްޔިތުންގެ ގާތުގައި ކަލޭމެންގެ ވޯޓު ދޭނީ، މި ގަނޑުކޮޅުގައި ސޮއިކޮށްގެނޭ، މި ގަނޑުކޮޅުގައި ސޮއިކުރީމާ މިވެނިތަނަކުން ގޯއްޗެއް ލިބޭންއެބަ އޮތޭ ކިޔައި ކަނޑައެޅިގެން އެހަދާ ދޮގު،" އެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ލީޑަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އަލްހާން ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، " ދޮގު އިލްޒާމް އަޅުވާ އަބުރު ކަތިލާން ، ޢާންމުން އެއްކޮށްގެން ޙަގީގަތާ ޚިލާފު ދޮގުވާހަކަ އަޅުގަނޑާ ބެހޭގޮތުން ރައްޔިތުންގެ މަޖްލިހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި މައްސަލައިގާ އޭނާގެ މައްޗަށް އަބުރުގެ ދަޢުވާ ކުރާނަން!،" ކަމަށެވެ.

އަދި " ބަދަލުގައި 3333 ބިޓްކޮއިން ހޯދަން ދަޢުވާގައި ހިމަނާނަން!" ކަމަށްވެސް ރާއްޖޭގައި ފޮރެކްސްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރެއްވި، އަދި އެމްޑީޕީގެ ކުރީގެ ނައިބުރައީސްކަން ކުރެއްވި އަލްހާން ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި މިވަގުތު ބިޓްކޮއިންގެ އަގަށް ބަލާއިރު، 3333 އަށް ދިވެހި ފައިސާއިން ގާތްގަނޑަކަށް 1.34 ބިލިއަން ރުފިޔާ ޖެހޭނެއެވެ.